ހާލުގައި ޖެހިފައިވާ ގައުމުތަކާއި، ސަރަހައްދުތަކަށް އެހީވުމަށް އެޗްޑީސީން އައިއޭސީއާއެކު އެއްބަސްވުމެއް

Mon, 29 May 2023 11:55 PM

View on this article on Gaafu

ހާލުގައި ޖެހިފައިވާ ގައުމުތަކާއި، ސަރަހައްދުތަކަށް އެހީވުމަށް އެޗްޑީސީން އައިއޭސީއާއެކު އެއްބަސްވުމެއް

ހާލުގައި ޖެހިފައިވާ ޤައުމުތަކާއި، ސަރަޙައްދުތަކަށް އެހީތެރިވެދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަދި އައި.އޭ.ސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާރމަން އަހުމަދު އިޤުބާލުއެވެ. އައި.އޭ.ސީގެ އިސްނެގުމުގެ މަތިން ސޮއިކުރި މި އެއްބަސްވުމަކީ އެޗް.ޑީ.ސީން މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދީ އެންމެނަށްވެސް ރައްކާތެރި އަމާން މާހައުލެއް ޤާއިމްކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އައި.އޭ.ސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ފާހަގަކޮށް އެތަންތަނަށް ބޭނުންވާ އެހީ އެޗް.ޑީ.ސީންގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. އެގޮތުން ލޯކަލް ލީޑަރުންނާއި، ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކޮށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށްދޭނެއެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން އައިއޭސީއިން ކަނޑައަޅާ ސަރަޙައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި، އެ ޕްލޭންތަކަކީ މުޖުތަމަޢުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށްވާނެކަން ޔަޤީންކުރުމަށް އެޗްޑީސީގެ އެކްސްޕާޓީސް ޓީމުން މަސައްކަތްކުރާނެކަމަށެވެ. އެގޮތުން ވިލެޖް ނުވަތަ ނެއިބަރހުޑް މާސްޓަރޕްލޭންގެ ކޮންސެޕްޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެޗް.ޑީ.ސީގެ ދަށުންނެވެ.

މީގެ އިތުރުން އެޗް.ޑީ.ސީގެ ޓީމުން ސައިޓް އެސެސްމަންޓާއި، ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗަރ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އައި.އޭ.ސީއަކީ ދުނިޔޭގެ އެކި ހިސާބުތަކުއި ހަނގުރާމަވެރި ސަރަޙައްދުތަކާއި، މީހުން ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަޙައްދުތައް ފާހަގަކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ.

އެގޮތުން ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި، ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތަ ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

The post ހާލުގައި ޖެހިފައިވާ ގައުމުތަކާއި، ސަރަހައްދުތަކަށް އެހީވުމަށް އެޗްޑީސީން އައިއޭސީއާއެކު އެއްބަސްވުމެއް first appeared on Gaafu Online.



More from Gaafu