އާސަހަރާ ތަރައްޤީކުރުމަށް ކަށުކަމާކެމީގެ ކަންކަން ހުޅުމާލޭގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

Fri, 26 May 2023 08:55 PM

View on this article on Gaafu

އާސަހަރާ ތަރައްޤީކުރުމަށް ކަށުކަމާކެމީގެ ކަންކަން ހުޅުމާލޭގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

އާސަހަރާ ތަރައްޤީކުރުމުގެ މަސައްކަތް 27 މެއިގައި ފެށުމަށް ނިންމާ، މަރާމާތުގެ މަސައްކަތް ނިމެންދެން މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް މާލެސިޓީ ކައުންސިލުން ހަމަ ޖައްސައިފިއެވެ.

އާސަހަރާ ތަރައްޤީ ކުރުމާއި ގުޅޭގޮތުން ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އާސަހަރާ ތަރައްޤީކުރުމަށް ނިންމާ މި މަޝްރޫޢުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް 27 މެއި 2023 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

އަދި މި މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

އާސަހަރާ ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ޒަމާންތަކަކަށްފަހު މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ހަތަރުވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ސަހަރާ ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައިވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގައެވެ.

އާސަހަރާގެ އިތުރުން މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި އެނޫންވެސް ތަންތަނުގެ އާބާތުރަ ފިލުވުމުގެގޮތުން ގިނަ މަސައްކަތްތަކެއް ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ ކުރަމުންނެވެ.

 

 

The post އާސަހަރާ ތަރައްޤީކުރުމަށް ކަށުކަމާކެމީގެ ކަންކަން ހުޅުމާލޭގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި first appeared on Gaafu Online.More from Gaafu