ފުރަތަަމަ ފަހަރަށް މޮރޮކޯއިން ބްރެޒިލް ބަލިކޮށްފި!

Sun, 26 Mar 2023 05:54 AM

View on this article on Gaafu

ފުރަތަަމަ ފަހަރަށް މޮރޮކޯއިން ބްރެޒިލް ބަލިކޮށްފި!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ އަމިއްލަ ދަނޑުގައި މޮރޮކޯ އިން މިވަގުތު ފީފާ ރޭންކިންގައި އެއްވަނައިގައި އޮތް ބްރެޒިލް ބަލިކޮށްފި އެވެ.

މޮރޮކޯގެ އިބުނި ބަޠޫޠާ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ނިމިދިޔަ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ހަތަރުވަނަ ހޯދި މޮރޮކޯ އިން މީގެކުރިން ބްރެޒިލް އާއި ދެކޮޅަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. އެމެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރެޒިލް އެވެ.

1998 ވަނަ އަހަރު ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ވާދަކުރި މެޗުގައި ބްރެޒިލްގެ އޭރުގެ ތަރިން ކަމަށްވާ ރޮނާލްޑޯ، ރިވާލްޑޯ އަދި ބެބޭޓޯގެ ލަނޑުތަކުން ބްރެޒިލް އިން ފަސޭހަކަމާއި މޮރޮކޯގެ މައްޗަށް ކުރި ހޯދި ނަމަވެސް މިރޭގެ މެޗުގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

މިރޭގެ މެޗު ފެށުނީއްސުރެ ނިމެންދެން މެޗު ޑޮމިނޭޓުކުރީ މޮރޮކޯއުންނެވެ. މޮރޮކޯގެ ވަރުގަދަ ފިޒިކަލް ކުޅުމުގެ ސަބަބުން ބުރެޒިލްގެ ކުޅުންތެރިންނަށް މި މެޗުގައި އެކަށީގެންވާ ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަރ ލަނޑެއް ކާމިބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި އޭގެ ތިން މިނެޓު ފަހުން މޮރޮކޯ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

މި ލަނޑު ފުރަތަަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސޮފިއާން ބޫފަލް އެވެ. މިއީ ބްރެޒިލްގެ ފަހަތައް ކުޅޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެޓީމުގެ ބިލާލް އަލް ޚާންނޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަަނަ ހާފްގައި ބްރެޒިލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މިރޭގެ މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މެންޗެސްޓަރ ޔުނައިޓެގެ މިޑްފީލްޑަރު ކަސަމީރޯ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ލޫކަސް ޕަކުއޭޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މޮރޮކޯގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުގައި މޮރޮކޯ އިން ދެވަަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު ޢަބްދުލްޙަމީދު ޞަބީރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އެޓީމުގެ ފޯވާޑް ވަލީދު ޗެޑިރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ މޮރޮކޯގެ ތާރީޚްގައި ފުރަތަމަފަހަރަށް ބްރެޒިލްގެ މައްޗަށް ކުރި ލިބިގެންވެ.

މިއީ އެފްރިކާ ޓީމެއްގެ އަތުން ބުރެޒިލް ބަލިވި ދެވަނަ މެޗެވެ. މީގެ ކުރިން އެފްރިކާގެ ގައުމެއްގެ އަތުން ބުރެޒިލް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ނިމިގެންދިޔަ ގަތަރު ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި ކެމަރޫން އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

The post ފުރަތަަމަ ފަހަރަށް މޮރޮކޯއިން ބްރެޒިލް ބަލިކޮށްފި! first appeared on Gaafu Online.



More from Gaafu