ހުޅުމާލެ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަނީ

Sat, 25 Mar 2023 02:00 PM

View on this article on Gaafu

ހުޅުމާލެ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވަރޓިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓްކޮށް ބަލަހައްޓާނެ ފަރާތްތައް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

މީގެތެރޭގައި ހިމެނެނީ ނިރޮޅު މަގާއި ކަނީރު މަގު އަދި ބޯގަންވިލާ މަގުގެ ބައެއް ސަރަޙައްދުގައި ހުރި ސިސްޓަމްތަކެވެ. ވަރޓިކަލް ޕަރކިންއަކީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވުމާއިއެކު، އިންޖީނުލީ އުޅަނދު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ޒަމާނީ ލުޔެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ހުޅުމާލޭގައި ހަދާފައިވާ ވަރޓިކަލް މެކޭނިކަލް ޕާކިން ސިސްޓަމްތަކަކީ އަހަރުތަކެއްވެ ބޭނުންކުރަން ނުފެށިވާ ސިސްޓަމްތަކެކެވެ. މި މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ. ނަމަވެސް މިހާތަނަށްވެސް ބޭނުންކުރަން ފެށިފައެއް ނުވެއެވެ.

އެޗްޑީސީން މީގެކުރިން ބުނެފައިވަނީ ހުޅުމާލޭގައި ބަހައްޓާފައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވިފައި ހުރީ އެގޭ މަސައްކަތްތައް އެއްކޮށް ނުނިމޭތީކަމަށެވެ. އަދި މި މަޝްރޫއު ނުނިމި އޮތީ އޭރު އެޗްޑީސީއަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ދައްކާފައި ނުވުމުން ކަމަށެވެ. ނަމަވެސް މައްސަލަތައް ޙައްލުކޮށް މިހާރު މިވަނީ ސިސްޓަމްތައް ބޭނުންކުރަން ތައްޔާރުވެފައެވެ.

ހުޅުމާލޭގައި އެކި ސަރަޙައްދުތަކުގައި ދިހަވަރަކަށް ވަރޓިކަލް ޕާކިން ސިސްޓަމް ބަހައްޓާފައިވެއެވެ. މީގެތެރެއިން އެޗްޑީސީން ހުޅުވާލާފައި މިވަނީ 6 ޕާކިން ސިސްޓަމް އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

އެއީ ނިރޮޅު މަގުގައި ހުރި 2 ޕާކިން ސިސްޓަމާއި، ބޯގަންވިލާ މަގުގައި ހުރި 3 ސިސްޓަމް އަދި ކަނީރުމަގުގެ ޕާކިން ސިސްޓަމެވެ. މީގެތެރެއިން 5 ސަރަޙައްދެއްގައި ބަހައްޓާފައިވަނީ 26 ކާރު ޕާކުކުރެވޭ ސިސްޓަމްތަކެވެ. އެއް ސިސްޓަމަކީ 36 ކާރު އެއްފަހަރާ ޕާކު ކުރެވޭނެ ސިސްޓަމެވެކެވެ.

ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކޮށްދީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ އަންނަ މަހުގެ 3ވަނަ ދުވަހުއެވެ. މިއީ ޖުމްލަ 166 ޕާކިން ސްލޮޓެކެވެ.

މި ސިސްޓަމްތައް ޚާއްސަކޮށްފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ. ސިނަމާލެ ބްރިޖާއި، އަދި ހުޅުމާލޭގައި ކުރިއަށްގެންދާ ގިނަ ހައުސިން މަޝްރޫޢުތަކާއެކު، ހުޅުމާލޭގެ އާބާދީ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު ހުޅުމާލެއަށްވެސް ޕާކިން މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.

ހުޅުމާލޭގައި އާއްމު ޕާކިން ޒޯންތައް އިތުރުކުރުމާއި، އަދި ސްމަރޓް ޕާކިން ޒޯންތަކެއްވެސް އެޗްޑީސީން އަންނަނީ އިތުރުކުރަމުންނެވެ. މީގެއިތުރުން ދުއްވާ މީހުންނަށް ފަސޭހަކުރުމަށް މަގުތައް ބޭނުންކުރާ ގޮތްތަކަށްވެސް އަންނަނީ ބަދަލު ގެންނަމުންނެވެ.

The post ހުޅުމާލެ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަނީ first appeared on Gaafu Online.



More from Gaafu