ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ސައްހަ ނޫން ޓީޓީ ފޮނުވައިގެން ރާއްޖޭން ބޭރުގެ އެކި ކުންފުނިތަކުން މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ހަނީސަކްލް/ ހުސައިން ޝިފާއުއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުން އޭނާއަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ, މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޝިފާއުގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން ދިން 30 ދުވަސް ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ކޯޓަށް ހާޒިރުކުރުމުން ފުލުހުން ހުށަހެޅި ހެއްކާއި ގަރީނާއަށް ބެލުމަށްފަހު ކޯޓުން ނިންމީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ ބަންދުން ދޫކޮށްލުމަށެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނީ އެ ކުށް ޝިފާއުހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ “ކިންގްޑަމް އޮފް ފްރުޓްސް” މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
The post ވަގު ޓީޓީގައި ތަރުކާރީ އާއި މޭވާ އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި appeared first on Furathama.