“ފުލްޓައިމް ދަރިއަކަށް” ވާން ވަޒީފާ ދޫކޮށްލައިފި

Sat, 27 May 2023 02:28 PM

View on this article on Furathama

“ފުލްޓައިމް ދަރިއަކަށް” ވާން ވަޒީފާ ދޫކޮށްލައިފި

އަމިއްލަ މައިންބަފައިންގެ ވަޒީފާގައި “ފުލްޓައިމް އަންހެން ދަރިއަކަށް” ވުމަށް ޗައިނާގެ އަންހެނަކު ވަޒީފާ ދޫކޮށްލައިފިއެވެ.

ނޫސް އެޖެންސީއެއްގައި 15 އަހަރު މަސައްކަތް ކުރުމަށްފަހު އުމުރުން 40 އަހަރުގެ ނިއަނާން ވަނީ ވަޒީފާ ދޫކޮށްލީ މިދިއަ އަހަރުއެވެ. ގާތްގަނޑަކަށް 24 ގަޑިއިރު އޮންކޯލްގައި ހުންނަން ޖެހުމުން އޭނާ ހުރީ ވަރަށް ބޮޑަށް ސްޓްރެސް ވެފައެވެ. އެހިސާބުން އޭނާއަށް ލިބުނީ މައިންބަފައިގެން ހުށަހެޅުމެކެވެ. “ކީއްވެތަ ވަޒީފާ ދޫކޮށްނުލަނީ؟ ފައިސާގެ ގޮތުން އަހަރެމެން އެހީވާނަން” ނިއަނާންގެ މައިން ބަފައިން ބުންޏެވެ. އޭނާގެ މައިންބަފައިން ބުނީ ހަމައެކަނި އައިސް އެމީހުންނާ އެކު އުޅެފިނަމަ މަހަކު 4،000 ޔުއާން (570 ޑޮލަރު) ދޭނެ ކަމަށެވެ. ހުރުމާއި، ކެއިން ބުއިމުގެ ޚަރަދެއް ނިއަނާން ކުރާކަށް ނުޖެހެއެވެ. އެހެންކަމުން ނިޔާން ވަޒީފާ ދޫކޮށްލާފައި “ފުލްޓައިމް ދަރިއަކަށް” ވެގެން ދިޔައެވެ.

މައިންބަފައިންގެ ވަޒީފާގައި އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު ނިއަނާން ސިފަކުރާ ގޮތުގައި އޭނާގެ ޕްރޮފެޝަނަކީ “ލޯބިން ފުރިފައިވާ” ޕްރޮފެޝަނެކެވެ. މަންމަ އާއި، ބައްޕަ އެކީ ގްރޮސެރީ ޝޮޕިންގ އަށް ގޮސް، ކޮންމެ ރެއަކު މައިން ބަފައިންނާއެކު ކައްކައިގެން ކައި، ބޭނުން ވަގުތެއްގައި އެ މީހުންނާއެކު ބުރުޖަހާލައި، ކޮންމެ ދުވަހަކުވެސް އެމީހުންނާއެކު ނަށަން ގަޑިއެއްހާއިރު ވެސް ލިބޭކަމަށް އޭނާ ބުންޏެވެ.

ނިއަނާން ބުނާ ގޮތުގައި ގޭގައި ހުންނަ އިލެކްޓްރޯނިކް ސާމާނުތައް ބެލެހެއްޓުމާއި، ކޮންމެ މަހަކު އެކެއް ނުވަތަ ދެ އާއިލީ ދަތުރެއް ރޭވުމަކީ އޭނާގެ ޒިންމާއެކެވެ. އެހެން އުޅެލެވުމަކީ ކިޔަންމެ ބޮޑު ނިޢުމަތެއް ކަމުގައި ހީވިޔަސް، އުމުރުން 40 އަހަރުގެ އަންހެން މީހާ ބުނާ ގޮތުގައި އަދިވެސް ބައެއް ފަހަރު އިތުރަށް ފައިސާ ހޯދުމުގެ އެދުން އިހުސާސް ކުރެވެއެވެ. އެއީ އޭނާ ބޭނުންވާ ގޮތް ކަމަށްވާނަމަ އޭނާގެ މައިންބަފައިންގެ އެއްވެސް މައްސަލައެއް ނެތެވެ.

“މިއަށްވުރެ އެކަށީގެންވާ ވަޒީފާއެއް ހޯދިއްޖެއްޔާ ދިއުމަކުން މައްސަލައެއް ނެތް. މަސައްކަތް ކުރަން ބޭނުން ނުވާނަމަ ހަމަ ގޭގައި މަޑުކޮށްލައިގެން އަހަރެމެންނާއެކު ވަގުތު ހޭދަކޮށްލަބަލަ” ނިއަނާންގެ މައިންބަފައިން އޭނަ ގާތު ބުންޏެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ނިއަނާން ބުނީ އޭނާގެ މަހު މުސާރަ ލިބެނީ މައިންބަފައިންނަށް ޕެންޝަންގެ ގޮތުގައި މަހަކު ލިބޭ 100،000 ޔުއާން (15،000 ޑޮލަރު) ގެ ތެރެއިން ކަމަށެވެ.

މި އާދަޔާ ޚިލާފު ވަޒީފާއާ ގުޅިގެން ޗައިނާގައި މި ހަފްތާގައި އޮންލައިންކޮށް ހޫނު ބަހުސެއް ފެށިއިރު، ބައެއް މީހުން އުމުރުން 40 އަހަރުގެ އަންހެން މީހާއަށް ފާޑުކިޔައި، އަނެއް ބަޔަކު ބުނަނީ އެއީ ހަމައެކަނި އާއިލާއެއްގެ ވިޔަފާރިއެއް ކަމަށެވެ.

The post “ފުލްޓައިމް ދަރިއަކަށް” ވާން ވަޒީފާ ދޫކޮށްލައިފި appeared first on Furathama.



More from Furathama