އިންޑިއާ މީހަކު އޭނާގެ އަނބިމީހާއާ ބައިސްކަލްގައި ސްވިޑެންއަށް

Thu, 25 May 2023 03:21 PM

View on this article on Furathama

އިންޑިއާ މީހަކު އޭނާގެ އަނބިމީހާއާ ބައިސްކަލްގައި ސްވިޑެންއަށް

އިންޑިއާ މީހަކު އޭނާގެ އަނބިމީހާއާ ބައްދަލުކުރުމަށް މީގެ 46 އަހަރު ކުރިން ބައިސްކަލްގައި ސްވިޑެންއަށް ކުރި ދަތުރުގެ ވާހަކަ ވައިރަލްވެއްޖެއެވެ.

ސްވިޑެންއަށް ނިސްބަތްވާ ޝާރލޮޓް ވޮން ޝެޑްވިން އާއި، އިންޑިއާގެ އާޓިސްޓް ޕީކޭ މަހާނަންޑިއާ ބައްދަލުވީ 1975 ވަނަ އަހަރު ދިއްލީގައެވެ. ސްވިޑެންއިން އިންޑިއާއަށް ޝާރލޮޓް ދަތުރުކުރީ މަހާނަންޑިއާގެ ފަންނުވެރިކަމުގެ ވާހަކަ އަޑުއަހާފައި، އޭނާލައްވާ ޕޯޓްރެއިޓެއް ހެދުމުގެ ބޭނުމުގައެވެ. ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވުނީ ޕޯޓްރެއިޓް ހެދުމުގެތެރެއިންނެވެ. މަހާނަންޑިއާ އަށް ގެ ރީތިކަމުގެ ސަބަބުން ލޯބިވެވުނުއިރު، ޝާރލޮޓްގެ ހިތުގައި މަހާނަންޑިއާ މެދު ލޯބި އުފެދުނީ އޭނާގެ ސާދާކަމުގެ ސަބަބުންނެވެ.

ޕޯޓްރެއިޓް ހެދުމަށް އިންޑިއާ އަށް ޝާރލޮޓް ކުރި ދަތުރަށްފަހު ދެމީހުން ވަކިވާން ޖެހުނު އިރު، އެ ދެމީހުން ވަނީ ކައިވެނި ކުރަން ނިންމާފައެވެ. “ބައްޕައާ ފުރަތަމަ ބައްދަލުވިއިރު ޝާރލޮޓް ސާރީއެއް އަޅައިގެން. އަދިވެސް ނޭނގޭ އޭނާ އެކަން މެނޭޖް ކުރި ގޮތެއް. ބައްޕައާއި އާއިލާގެ ރުހުމާއެކު އަހަރެމެން ކައިވެނި ކުރީ ޘަޤާފަތާ އެއްގޮތަށް” ބީބީސީއަށް ކުރިން ދިން އިންޓަވިއުއެއްގައި މަހާނަންޑިއާ ބުންޏެވެ.

ޝާރލޮޓް ފުރުމުގެ ވަގުތު ކައިރިވަމުން ދިޔަވަރަކަށް މަހާނަންޑިއާގެ ގާތުގައި އޭނާއާއެކު ދިއުމަށް އެދުނެވެ. ނަމަވެސް ޝާރލޮޓް ފުރަތަމަ ޖެހުނީ ކިޔެވުން ނިންމާށެވެ. މަހާނަންޑިއާ ވައުދުވީ ސްވިޑެންގެ ޓެކްސްޓައިލް ޓައުން ބޮރާސްގައި ހުންނަ ޝާރލޮޓް ގެއަށް ދާނެ ކަމަށެވެ.

އޭގެ ފަހުން ދެމީހުން ގުޅުން ބަހައްޓަމުން ދިޔައީ ސިޓީތަކުގެ ޒަރީއާއިންނެވެ.

އެއް އަހަރު ފަހުން މަހާނަންޑިއާ ސްވދިޑެންއަށް ޝާރލޮޓް ކާއިރިއަށް ޒިޔާރަތް ކުރަން ރާވާފައި ވަނިކޮށް އޭނާއަށް ވިސްނުނީ ޓިކެޓް ގަންނަން ފައިސާ ނެތް ކަމެވެ. އޭނާގެ ހުރިހާ އެއްޗެއް ވިއްކާލާފައި ބައިސްކަލެއް ގަތެވެ.

ޖެހިގެން އައި ހަތަރު މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ ޕާކިސްތާނާއި، އަފްޣާނިސްތާނާއި، އީރާން އަދި ތުރުކީ ހުރަސްކޮށްފައެވެ. މަގުމަތީގައި އެތައް ފަހަރަކު އޭނާގެ ބައިސްކަލް ހަލާކުވެ، ދުވަސްތަކެއް ވަންދެން ކާއެއްޗެހި ނެތި ކުރިއަށް ދާން ވެސް ޖެހުނެވެ.

އޭނާގެ ދަތުރު 22 ޖެނުއަރީ 1977 ގައި ފެށި އިރު، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 70 ކިލޯމީޓަރަށް ބައިސްކަލް ދުއްވައެވެ.

“އަހަރެންގެ ފަންނުވެރިކަން އަހަރެން ސަލާމަތްކޮށްދިނީ. އަހަރެން ކުރިން ޕޯޓްރެއިޓް ހަދައިދިން ބައެއް މީހުން ފައިސާ ދިން އިރު، އަނެއް ބަޔަކު ކާނާ އާއި ބޯހިޔާވަހިކަން ދިނީ” ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

މެއި މަހުގެ 28 ވަނަ ދުވަހު ޔޫރަޕަށް ގޮސް އިސްތަންބޫލާއި ވިއެނާ މެދުވެރިކޮށް، އޭގެ ފަހުން ރޭލުގައި ގޯޓެންބާގަށް ދިޔައެވެ.

އެ ދެމީހުން ރަސްމީކޮށް ކައިވެނި ކުރީ ސްވިޑެންގައެވެ.

“އަހަރެންނަށް ޔޫރަޕްގެ ޘަޤާފަތާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ. އަހަންނަށް އެ ހުރިހާ ކަމެއް އައު ނަމަވެސް ކޮންމެ ފިޔަވަޅެއްގައި ވެސް ޝާރލޮޓް ސަޕޯޓް ދިން. އޭނާ އަކީ ހާއްސަ ހަމައެކަނި މީހާ. އަހަރެން އަދިވެސް މިހުރީ 1975 ވަނަ އަހަރު ލޯބިން އުޅުނު ގޮތަށް” ބީބީސީ އަށް ބުންޏެވެ.

މި ދެމަފިރިން މިހާރު ދެ ދަރިންނާއެކު ސްވިޑެންގައި ދިރިއުޅެމުންދާއިރު، އޭނާ ދަނީ ފަންނާނެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.


More from Furathama