އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

Thu, 23 Mar 2023 10:57 PM

View on this article on Furathama

އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

ރަމަޟާންމަހު އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ، ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނި ދޮރު، ފެންލައިޓް އަދި ވައިގޮޅި ފަދަ ތަންތަންވެސް ވައްކަންކުރުމަށް މަގުފަހި ނުވާނޭހެން ރަނގަޅަށް ތަޅުލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ދުވާލާއި، ރޭގަނޑުގެ ވަގުތުތަކުގައިވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި، އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް އިލްތިމާސްކުރާކަމަށް ފުލުހުން ބުންޏެވެ.

އޮފީސް އިމާރާތްތަކާއި، ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ތަންތަން ބަންދުކޮށްފައި ދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި، ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ ފަރުދަކުވެސް ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތްކުރުމަށް އިލްތިމާސް ކުރާކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

The post އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި appeared first on Furathama.



More from Furathama