ޤާސިމްގެ ރަނިން މޭޓް!

Thu, 23 Mar 2023 12:20 AM

View on this article on Furathama

ޤާސިމްގެ ރަނިން މޭޓް!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރުގެ ޖުމްހޫރީ ޕާޓީއިން ވާދަކުރާނެކަން ވަނީ އިޢްލާންކޮށްފައެވެ. މިހާރު ވެރިކަންކުރާ ކޯލީޝަންގައިވެސް ހިމެނޭ ޖޭޕީގެ ބައެއް ފަރާތްތަކުންވަނީ އެ ނިންމުމަށްފަހު އެޕާޓީ އިން ވަކިވެސް ވެފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީ އިސްވެއޮވެ ކޯލީޝަނެއް ހެދުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްއާރުއެމް އާއި، ސަލަފް ޖަމްޢިއްޔާއާވެސް ޤާސިމް ވަނީ ބައްދަލުކުރައްވާފައެވެ. ރައީސް ނަޝީދުއާއި، ނަޝީދުގެ މަންދޫބުން ޖޭޕީގެ ލީޑަރޝިޕާ ބައްދަލުކުރާ އަދަދު އުޅެނީ ތަންކޮޅެއް މަތީގައެވެ. މިރޭވެސް އެބަ ބައްދަލުކުރެއެވެ.

ޖޭޕީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރާނަމަ އެޕާޓީގެ ކެނޑިޑޭޓަކީ ލީޑަރު ޤާސިމް އިބްރާޙީމް ކަމާމެދަކު ޝައްކެއްނެތެވެ. މިވަގުތު ވާދަވެރިކަން އޮތީ ޤާސިމްގެ ރަނިން މޭޓަކަށް އައްޔަންކުރާނެ މީހަކާ މެދުގައެވެ. ވަރަށް މުއުތަބަރު ފަރާތަކުން “ފުރަތަމަ” އަށް ބުނީ ރަނިން މޭޓަކަށް ޤާސިމްގެ ޗޮއިސްއަކީ ޖޭޕީގެ ނައިބު ލީޑަރެއްކަމަށްވާ އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާޙީމްއެވެ. އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނުގެ ޝައުގުވެރިކަންވެސް ހުރިކަމަށް އެތެރެއެތެރޭން އެބަ މަޢުލޫމާތު އާދެއެވެ. ޤާސިމްގެ ރަނިން މޭޓަކަށް ރައީސް ނަޝީދު ހުށަހަޅުއްވާ ދެނަމެއް އެބަ އޮތްކަމަށްވެއެވެ. އެއީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި އާއިލީ ބޭފުޅެއްކަމަށްވާ އީވާ ޢަބްދުﷲ އާއި، ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމަށްވާ އިމްތިޔާޒް ފަހުމީއެވެ.

ޤާސިމްގެ ރަނިން މޭޓަކު ހޮވުމުގެ ކަންތައް ފޯރިގަދަވުން އެކަށީގެންވާކަމަށް މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ލަފާކުރެއެވެ. ރަނިން މޭޓަކު ހޮވުމުގެ ކަންތައްގަނޑަކީ ޖޭޕީތެރޭގައިވެސް ގަޑުބަޑު އުފެދޭނެ ކަމެއްކަމަށްވެސް ފެނެއެވެ. ޤާސިމްގެ މަތިން ބަސްކިޔަން ކެރޭނެ ބޭފުޅެއް އެ ޕާޓީގައި ނެތް ނަމަވެސް ތުން އަނބުރާނެއެވެ. އަދި ދާދިފަހުން އެ ޕާޓީ އިން ބޭއްވި ގައުމީ ކޮންފަރެންސްގައި އޮތް ކައުންސިލް އިންތިޚާބަށް ނުހަނު ބުރަ މަސައްކަތްތަކެއް ކުރި ބަޔަކު އެބަ ތިއްބެވެ. އެންމެ ފަހުވަގުތާ ޖެހެންދެން ޕާޓީއަށް މެމްބަރުން ވައްދައި، ކައުންސިލަށް ވަކި ބަޔަކު ހޮވުމަށް މަސައްކަތްތަކެއް ކުރެވުނެވެ. އަސްލު ޖޭޕީގެ މެމްބަރުން ފެއިލްކޮށްލައި، ޕީޕީއެމް ފެކްޝަނޭކިޔާ ބަޔަކު ވަނީ ޖޭޕީގެ ކޮންޓްރޯލް ނަގާފައެވެ. އެހެންކަމުން އެހާ ބުރަމަސައްކަތެއް ފެނަށް ދާން ދޫކޮށްލައިގެން މަޑުން ތިބެދާނެބާއޭ މީވެސް އުފެދޭ ސުވާލެކެވެ. ބަލަން ތިބެމާ ހިނގާށެވެ.

The post ޤާސިމްގެ ރަނިން މޭޓް! appeared first on Furathama.



More from Furathama