ފިހާރައެއްތެރޭ ވަޅިޖެހި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި

Sun, 26 Feb 2023 01:11 PM

View on this article on Feshun.mv

ފިހާރައެއްތެރޭ ވަޅިޖެހި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހުގެރޭ ފިހާރައެއްގެތެރޭ ވަޅިޖެހި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދާދި ދެންމެ ވިދާޅުވީ، މާފަންނުގައި ހުންނަ ފިހާރައަކަށްވަދެ 30 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކަވެ.

"މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުން. ހައްޔަރުކުރި މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައި." ފުލުހުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ކްރާސާ" ނަމަށް ކިޔާ ފިހާރަތެރޭގައި ވަޅިން ހަމަލާދީ ހިންގި މާރާމާރީގައި ޒަހަމްވި މީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ސީރިއަސްއެވެ.

މާލޭ ސިޓީގައި މި ފަހަކަށް އައިސް ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އޮންލައިން ނޫސް "އަދަދު" އަށް ވިދާޅުވެފައިވަނީ، "މިއީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރު ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގާ މާރާމާރީތަކެއް" ކަމަށެވެ.



More from Feshun.mv