މިއަހަރު ބޮލީވުޑްގެ ފޭނުން އެންމެ އިންތިޒާރުކުރި އެއް ކައިވެނި މިހާރު މިވަނީ ހަޤީގަތަކަށްވެފައެވެ. ސިދާތު މަލްހޯތުރާ އާއި ކިއާރާ އަލީ އަދުވާނީގެ ކައިވެނި މިދިޔަ ހަފްތާގައި ބާއްވާފައިވާއިރު، މި ކައިވެނި ވެގެން މިދިޔައީ މިއަހަރު ބޮލީވުޑުގެ އެންމެ ފުރަތަމަ ބޮޑު ކައިވެންޏަށެވެ.
2021 ވަނަ އަހަރު މި ދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމް "ޝެހެރްޝާހް" އަށްފަހު މި ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން ފެށިފައިވާ ކަމަށް އެތައް ފަހަރެއްގެ މަތިން އަޑު ފެތުރުނެވެ. ނަމަވެސް މިދިޔަ ހަފްތާގައި ކައިވެނިކޮށް، ކައިވެނީގެ ފޮޓޯތައް އާއްމުކުރުމާ ހަމައަށްވެސް މިކަން އޮތީ ސިއްރެއްގެ ގޮތުގައެވެ. ގިނަ ބަޔަކު މި ދެތަރިންގެ ކައިވެނީގެ އިންތިޒާރުގައި ހުއްޓާ، ކައިވެނިކުރިކަން އިއުލާންކުރީ ދެމީހުންގެ އިންސްޓަގްރަމް މެދުވެރިކޮށެވެ.

ކައިވެނީގެ ފޮޓޯތައް އާއްމުކުރުމާއެކު ގިނަ ފޭނުން ވަނީ މަރުހަބާގެ މެސެޖުތައް ފޮނުވައިފައެވެ. މި ދެތަރިންގެ ކައިވެނީގެ މުޅި ތީމް ޙާއްސަކޮށްފައި ވަނީ "ޝެހެރްޝާހް" އަށެވެ. އިންސްޓަގްރަމްގައި ފުރަތަމަ ހިއްސާކުރި ކައިވެނީގެ ފޮޓޯތަކުގެ ކެޕްޝަންގައި ލިޔެފައި ވަނީވެސް އެ ފިލްމްގެ ޑައިލޮގެކެވެ.

އޭގެ އިތުރުން މި ދެ ދަތިރިންގެ ކައިވެނީގެ ހަފްލާގެ ވީޑިއޯއެއް މިހާރު އާއްމުކޮށްފައިވާއިރު، ވީޑިއޯގެ ބެކް މިއުޒިކަށް ބޭނުންކޮށްފައިވަނީ "ޝެހެރްޝާހް" އިން ގިނަ ބަޔެއްގެ ހިތްތަކާއި ކުޅެލި ލަވަ "ރާންޖާ" އެވެ. ވެޑިން ވީޑިއޯގައި ބޭނުންކޮށްފައިވަނީ "ރާންޖާ"ގެ އައު ވާޝަންއެކެވެ. ލަވައިގެ ލިރިކްސް ކައިވެންޏާ ގުޅޭގޮތަށް ބަދަލުކޮށް އަލުން ވަނީ ރެކޯޑު ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސިޑް އާއި ކިއާރާގެ ކައިވެނި ވީޑިއޯގައި މި ލަވަ ބޭނުންކޮށްފައި ވަނީ ކިއާރާ ވަރަށް ބޮޑަށް ބޭނުންވެގެންނެވެ. އެއީ "ޝެހެރްޝާހް" އަކީ މި ދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމަށްވުމެވެ. މި ވީޑިއޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާއިރު، ވީޑިއޯ ބެލުމަށްފަހު ގިނަ ބަޔަކު ބުނެފައިވަނީ މިއީ "ޑްރީމް" ވެޑިން އެއް ކަމަށެވެ.