އިތުރު ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ

Tue, 23 Feb 2021 01:46 PM

View on this article on vNews

އިތުރު ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ

ރާއްޖޭގެ އިތުރު ހަތަރު ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ

މަހްލޫފް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާގައި މިނިސްޓަރު މަހުލޫފަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނާޒިމް ވަނީ މިނިސްޓަރ މަހްލޫފް އާއި ތިނަދޫގެ އައުޑްޓޯ ޖިމްގެ މަސައްކަތް ކުރިއަށްދާ ގޮތާއި، ކުޑަކުދިންގެ ޕާކެއް ތިނަދޫއަށް ލިބޭނެ ދުވަހެއް ސާފުކޮށްދިނުމަށް އަދި ތިނަދޫގެ ޓާފް ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ވިދާޅުވެދެއްވުމަށާއި، ތިނަދޫގައި ސިންތެޓިކް ޓްރެކެއް ގާއިމް ކުރެވެނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފައެވެ.

ނާޒިމްގެ މިސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ ޕާކު މިހާރުވެސް ހަމަޖައްސާދީފައިވާނެ ކަމަށާއި ޖިމެއް އެޅުމަށް ބޭނުންވާ ސާމާނު މިހާރުވެސް ރަށައް ޑެލިވަރ ކުރެވިފައިވާ ކަމަށާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ލަސްވެގެންދަނީ ފުރަތަމަ ސަބް-ބޭސް އެޅުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން އަލުން އެމަސައްކަތް ކުރަންޖެހުމުގެ ސަބަބުން ކަމަށެވެ.

"ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް ތިޔަވިދާޅުވާހެން ކޮވިޑު ތެރޭގައި މާލެއިން މީހުންނަށް ނުދެވިގެން ރަށު ކައުންސިލުން އެކުރި މަސައްކަތެއްކޮށް ޖެހިމިނެއް ޖަހައިގެން ނުބައި މިނެއްގެ ތެރޭގައި ފުރަތަމަ އެ ސަބް-ބޭސްއެއް އަޅައިގެން އަލުންމުޅި ސަބް-ބޭސް އާއި ކުޅެގެން ދެއްތޯ މިހާރު އެމަސައްކަތް އެދަނީ ނިމެން. އެޓާފް ދަނޑު އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިދިޔަ އަހަރުގެ ޖެނުއަރީ ހިސާބުގައި ހުރީ ރާއްޖޭގައި. މިހާރު މަސައްކަތް ރޭވިފައިވާގޮތުން ވިލިނގިލި ނިންމާފަ ދެން އެންމެ އަވަހަށް ފަށާނީ ތިނަދޫގެ ޓާފް ދަނޑުގެ މަސައްކަތް"
މިނިސްޓަރ އަހްމަދު މަހްލޫފް

މީގެއިތުރުން ސިންތެޓިކް ޓްރެކުގެ މަސައްކަތްވެސް އިތުރު ތިން ރަށަކާއިއެކު ޖުމްލަ ހަތަރު ރަށެއްގައި މިއަހަރު ފެށިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

"ސިންތެޓިކް ޓްރެކް ގާއިމްކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން ހަމަ މާލޭގަ މިފަހުން މިނިންމި ޓްރެކެކޭ އެއްގޮތަށް ތިނަދޫ، ކުޅުދުއްފުށި، ފުވައްމުލަށް އަދި އައްޑު އަތޮޅު ހިތަދޫއަށް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާކަމެއް، ބަޖެޓުވެސް ކުރެވިފައިވަނީ އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑު އުންމީދުކުރަނީ ހަމަ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މިމަސައްކަތް ފަށައިގަނެވޭނެ ކަމަށް"
މިނިސްޓަރ އަހްމަދު މަހްލޫފް

މައުލޫމާތު ލިބޭގޮތުގައި މި ޕްލޭންގެ ދަށުން އެޅުމަށް ނިންމާފައިވާ ފުވައްމުލަކު އަދި އައްޑޫ އަތޮޅު ހިތަދޫ ސިންތެޓިކް ޓްރެކް އެޅުމަށް ބީއޯކިއު ވަނީ ހަދާފައެވެ. މާލޭގައި 1996 ވަނަ އަހަރު ހުޅުވުނު އެކުވެނި ދުވާ ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރެވި ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް ހުޅުވުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.