މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ގާބިލްކަން އިތުރުކުރަނީ!

Tue, 23 Feb 2021 01:31 PM

View on this article on vNews

މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ގާބިލްކަން އިތުރުކުރަނީ!

އެމްއެންޑީއެފް މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ގާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީއާ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް މިހެން ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމްއެންޑީއެފުން ބުނީ ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް ޘާނީ އައް ރުމައިތީއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ބައްދަލުކުރެއްވީ ހަމްދު އެމް. ޘާނީ އައް ރުމައިތީގެ ޚާއްސަ ދައުވަތަކަށް ޝަމާލު، ޔޫއޭއީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

މި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް އެމްއެންޑީއެފް މެރިންކޯ އަދި ސްޕެޝަލް ފޯސަސްގެ ތަމްރީނާއި، އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އަދި މަޝްވަރާތަކުގައި، އެމްއެންޑީއެފް މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ގާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއަށް ދެއްވާފައެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ، ޔޫއޭއީގައި ކުރިއަށްދާ "އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން" (އައިޑެކްސް) އާއި "ނޭވަލް ޑިފެންސް އެގްޒިބިޝަން" (ނޭވްޑެކްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް ފެބްރުއަރީ 20 އިން 25 އަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.