ސްޓާފް އެވޯޑްސްގައި ބީއެމްއެލްއިން މުވައްޒަފުންގެ އަގު ވަޒަންކޮށްފި – އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް މުޙައްމަދު ޝާއިޤް އަޙްމަދަށް

Sat, 27 Apr 2024 01:30 PM

View on this article on Dhuvas.mv

ސްޓާފް އެވޯޑްސްގައި ބީއެމްއެލްއިން މުވައްޒަފުންގެ އަގު ވަޒަންކޮށްފި – އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް މުޙައްމަދު ޝާއިޤް އަޙްމަދަށް

ރޭ ކްރޮސްރޯޑްސް ގައި ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.



މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

އަޒާން ރަޝީދު (ޓަރމިނަލް މެނޭޖްމަންޓް ޔުނިޓް) ވަނީ ބެސްޓް މެނޭޖަރ އެވޯޑް – ފޮޓޯ: ބީއެމްއެލް

މުޙައްމަދު ޝާއިޤް އަޙްމަދު ( ކަސްޓަމަރ ސަރވިސް މެނޭޖަރ) ވަނީ އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފައެވެ. ނައިފަރު ބްރާންޗުން ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައެވެ. ޢަލީ ފާރިޝް ޚަލީލް (ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ) ބެސްޓް ލީޑަރ އެވޯޑް ހޯދިއިރު އަޒާން ރަޝީދު (ޓަރމިނަލް މެނޭޖްމަންޓް ޔުނިޓް) ވަނީ ބެސްޓް މެނޭޖަރ އެވޯޑް ހޯދާފައެވެ.

ޢަލީ ފާރިޝް ޚަލީލް (ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ) ބެސްޓް ލީޑަރ އެވޯޑް – ފޮޓޯ: ބީއެމްއެލް

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.

ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދި ނައިފަރު ބްރާންޗް ޓީމް – ފޮޓޯ ބީއެމްއެލް

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ” ބޭންކުގެ ޓީމާ ދޭތެރޭ އަޅުގަނޑު ފަހުރުވެރިވަން. މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ. މިރޭ އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން. ބޭންކު ކާމިޔާބީއާ ދިމާއަށް ދަތުރުކުރަނީ ތިޔަ މުވައްޒަފުންގެ ނަމޫނާ މަސައްކަތުގެ ސަބަބުން.”

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ – ފޮޓޯ: ބީއެމްއެލް

“ފާއިތުވި އަހަރު ބޭންކުން ވަނީ ރިކޯޑް ނަތީޖާއެއް ހޯދާފަ. މިއީ ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ބޭންކަށް ލިބުނު ފުރަތަމަ ފަހަރު. މި ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން. އެހެންކަމުން މި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށްވެސް ވަކިވަކިން އަޅުގަނޑު ޝުކުރު އަދާކުރަން.” ކާރލް އިތުރަށް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަހުރުވެރި ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.



More from Dhuvas.mv