އެމްޑީޕީގެ އިސްވެރިޔަކީ ކާކުކަން މެންބަރުންނަށް އެނގެންޖެހޭ: ރީކޯ މޫސަ

Sat, 27 Apr 2024 02:34 PM

View on this article on Dhuvas.mv

އެމްޑީޕީގެ އިސްވެރިޔަކީ ކާކުކަން މެންބަރުންނަށް އެނގެންޖެހޭ: ރީކޯ މޫސަ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްވެރިޔަކީ ކާކުކަން އާއްމު މެންބަރުންނަށް އެނގެންޖެހޭކަމުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.



މޫސަ މި ސުވާލު އުފެއްދެވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މޫސަ ސުވާލު އުފައްދަވާފައިވަނީ އެމީހަކީ ކުރީގެ ރައީސް ތޯ، ޕާޓީގެ ރައީސް ތޯ އަދި ޗެއާޕާސަންތޯ އެނގެންޖެހޭކަމަށް ބުނެއެވެ.

މޫސަ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު އަދި މިހާރުގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް (ފަޔާ) އަށެވެ.

މޫސަގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ފަހުން ބޭއްވި ކޮންގްރެސްގައި ޕާޓީގެ ގިނަ ބާރުތަކެއް ޗެއަރޕާސަނަށް ދިންކަން އެނގޭ ކަމަށެވެ. އަދި އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިނގުމުގެ ޒިންމާ ނަގާނީ ކާކުތޯވެސް މޫސަ ސުވާލު އުފައްދަވާފައިވެއެވެ.

މޫސަ މި މޭރުމުން ޕޯސްޓެއް ކުރައްވާފައިވާއިރު ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކަށަވަރު ކުރެވުނީ އެންމެ 12 ގޮނޑިއެވެ. މަޖިލިސް އިންތިޚާބުގައި ލިބުނު ދަށް ނަތީޖާގެ ޒިންމާ ލީޑަޝިޕުން ނަގަންޖެހޭކަމަށް ގޮވާލައި ސޯޝަލް މީޑިއާގައި އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕް އިސްތިއުފާއަށްވެސް އެ ޕާޓީގެ އާންމު ބައެއް މެންބަރުން ގޮވާފައިވެއެވެ.



More from Dhuvas.mv