ބަރުދަން ލުއިކުރުމަށް އެހީވެދޭނެ، ފަސޭހައިން ލިބެން ހުންނަ 10 މޭވާ

Fri, 08 Dec 2023 09:44 PM

View on this article on Dhuvas.mv

ބަރުދަން ލުއިކުރުމަށް އެހީވެދޭނެ، ފަސޭހައިން ލިބެން ހުންނަ 10 މޭވާ

ހިކެން ބޭނުންވެގެން ޑައިޓްކޮށް ހަށިގަނޑުގެ ބަރުދަން ލުއިކޮށްލަން ވިސްނާއިރު، ގިނަފަހަރު ޑައިޓްކުރުމަށް ބޭނުންވާ މޮޅެތި މޭވާއާއި އެކި ޑައިޓް ޕްލޭން ތަކުގެ ސަބަބުން ހަދާނެނުހަދާނެ ގޮތެއް ނޭނގި ޑައިޓް ނުފެށި ހުންނަޖެހެއެވެ. ނަމަވެސް ބަރުދަން ލުއިކުރުމަށް ކޮންމެހެން ވަކި މޮޅު އަގުބޮޑު މޭވާ ހޯދާކަށް ނުޖެހެއެވެ. އާއްމުކޮށް ކައިރި މާރްކޭޓްތަކުން ނުވަތަ ފިހާރަތަކުން ލިބެންހުންނަ މޭވާތައް ބޭނުންކޮށްގެންވެސް ތިބޭފުޅުން ބޭނުންވާ މަގްޞަދު ހާސިލުކުރެވިދާނެއެވެ. ޔޫ.އެސް.ޑީ.އޭ އިން ބުނާ ގޮތުގައި ސިއްހަތަށް ފައިދާހުރި އަދި ބެލެންސް ލައިފްސްޓައިލަކަށް މޭވާ ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ބަރުދަން ލުއިކުރުމުގައި އެންމެ މުހިންމު އެއްކަމަކީ ހުރިހާ ކަމެއްވެސް މެދުމިނުގައި ހިފެހެއްޓުމެވެ. ބަރުދަން ލުއިކުރުމަށް މޭވާއިން ބޭނުންވާނެކަމަށް ބުނަނީ ދުވާލަކު 121-362 ކެލޮރީއާ ދެމެދުގެ އަދަދަކަށް ކެލޮރީއެވެ. އަދި 1200 ކެލޮރީގެ ޑައިޓް ޕްލޭނެއްގައި މޭވާގެ ކެލޮރީ ދުވާލެއްގެ މައްޗަށް 200 ކެލޮރީއަށް ވުރެ އިތުރު ނުވާނެކަން ކަށަވަރުކުރުން މުހިއްމެވެ. މިކަމުގެ ސަބަބުން ތަރުކާރީ، އޯޓްސް އަދި އެނޫންވެސް އެހެނިހެން ޒަރޫރީ ނިއުޓްރިއެންޓްތަކަށް ޖާގަ ލިބިގެންދެއެވެ. އެގޮތުން މި ހިއްސާކޮށްލަނީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ބަޖެޓާ ރައްޓެހި 10 މޭވާއެކެވެ.

އާފަލު

އާފަލަކީ ކެލޮރީ މަދު އަދި ފައިބާ ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. މީގެ އިތުރުން އެންޓިއޮކްސިޑެންޓް އާއި ވިޓަމިން ސީ ވެސް އެކުލެވިގެންވެއެވެ. “ވެއިޓް ލޮސް އެސޯސިއޭޓެޑް ވިތް ކޮންސަމްޕްޝަން އޮފް އެޕަލްސް” ދިރާސާގައި ބުނެފައި ވަނީ އާފަލަކީ ކެރޮޓިނޮއިޑްސް، ޑައިޓްރީ ފައިބާ، ޕޮލިފެނޮލްސް އަދި އެހެނިހެން ނިއުޓްރިއެންޓް ފޯރުކޮށްދޭ މޭވާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މޭވާއެއް ކަމަށެވެ. ރަހަމީރު ކޮށްލުމުގެ ގޮތުން މުގުރި ފޮނިތޮށިކޮޅެއް އާފަލު ފޮތި މައްޗަށް ވިއްސާލައިގެން ހެނދުނުގެ ނާސްތާ ގަޑީގައި ކެއުމަށް ބޭނުން ކުރެވިދާނެއެވެ. އާފަލުން ލިބޭ ފައިބާގެ މާއްދާއަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ދޮންކެޔޮ

ގުދުރަތީ ހަކުރުގެ ސަބަބުން ދޮންކެޔޮއަކީ ހަކަތަ ލިއްބައިދޭ މޭވާއެކެވެ. އަދި ދޮންކެޔޮގައި ޕޮޓޭސިއަމް އާއި ވިޓަމިން ބީ6 ހިމެނެއެވެ. ޕެންމެޑިސިން އިން ބުނާ ގޮތުގައި އާދައިގެ ދޮންކެޔޮ ވަކެއްގައި ގާތްގަނޑަކަށް 105 ކެލޮރީ ހުރެއެވެ. އޭގެތެރޭގައި 3 ގްރާމްގެ ފައިބާ އާއި މޭވާގައި ހިމެނޭ ގުދުރަތީ ހަކުރު (ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާގެ އާންމުގޮތެއްގައި މަދުވެގެން 3 ގްރާމް ފައިބާ ހިމަނަންވާނެ) ހިމެނެ އެވެ. ދޮންކޭލަކީ ޕޮޓޭސިއަމް ފަދަ ވިޓަމިންތައް ވަރަށް ފުރިހަމައަށް އެކުލެވިގެންވާ ބާވަތެކެވެ. ގިނަ މޭވާތަކެކޭ އެއްފަދައިން ދޮންކެޔޮއަކީ ވެސް މައިގަނޑު ގޮތެއްގައި ކާބޯހައިޑްރޭޓްސް އެކުލެވިގެންވާ އެއްޗެކެވެ. ޕްރޮޓީން އާއި ކާބޯހައިޑްރޭޓްސް ބެލެންސްކޮށްދޭ މީރު ނާސްތާއަކަށް ކުޑަ ޕީނަޓް ބަޓަރ ކޮޅަކާއި އެއްކޮށްލައިގެ ނުވަތަ ޖައްސައިގެން ދޮންކެޔޮ ކެވިދާނެއެވެ.

އޮރެންޖް

އޮރެންޖުގައި ވިޓަމިން ސީ، ފައިބާ އަދި އެންޓިއޮކްސިޑެންޓް އެކުލެވިގެންވާއިރު މީ ވަރަށް މަދު ކެލޮރީގެ މޭވާއެކެވެ. ޔުނިވާސިޓީ އޮފް ވެސްޓަން އޮންޓަރިއޯއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޓެންޖަރިން އާއި ފޮނި އޮރެންޖުގައި ހިމެނޭ ނޮބިލެޓިން ނަމަކަށް ކިޔާ ކެމިކަލަކުން އޮބޭސިޓީ ނުވަތަ ފަލަބަލި ކޮންޓްރޯލް ކުރުމަށް އެހީވެދީ އަދި އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކޮށްދެއެވެ. ތާޒާ އޮރެންޖު ޖޫސް ތައްޔާރުކޮށްލައިގެން ބުއިން ނުވަތަ އޮރެންޖެއް ކާލުމަކީ ބަރުދަން ލުއިކުރުމުގެ މަސައްކަތައް ލިބިގެންދާނެ ހިތްހަމަޖެހުމަކަށް ވާނެއެވެ.

ކަރާ

ފެނުގެ މިންވަރު ގިނަ އަދި ކެލޮރީ މަދު، ކަރަޔަކީ ހަށިގަނޑަށް ބޭނުންވާ ފެން ލިބިދޭ މީރު އަދި ރާއްޖޭގައި އާއްމު މޭވާއެކެވެ. ސެން ޑިއޭގޯ ސްޓޭޓް ޔުނިވާސިޓީން ކުރި ދިރާސާއަކުން ބުނާ ގޮތުގައި ހަތަރު ހަފުތާވަންދެން ކަރާ ކެއުމުގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ކަރާގައި މީރުކޮށް ސްމޫތީއެއް ހަދައިގެން ބޯލުމުން ހަށިގަނޑު ހައިޑްރޭޓްކޮށް ހުރުމަށް އެހީތެރިވެދެއެވެ.

ފަޅޯއް

ފަޅޮލަކީ ވިޓަމިން އޭ އަދި ސީގެ އިތުރުން ހަޖަމުކުރާ އެންޒައިމްތަކުން މުއްސަނދި މޭވާއެކެވެ. އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންސްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ފަޅޮލަކީ އެންޓި-އިންފްލެމޭޓަރީ، އެންޓި އޮކްސިޑެންޓް އަދި އެޑިޕޮސިޓީއާ ގުޅުން ހުރި އޮބޭސިޓީގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް އެއްފަހަރު ފަޅޯއް ކޮށާލައިގެން ކެއުމަށް އާދަކުރާށެވެ.

އަންނާރު

އަންނާރަކީ ބަރުދަން ލުއިކުރުމަށް އެންމެ މަގުބޫލު އެއް މޭވާއެވެ. ބަރުދަން ލުއިކުރުމަށް އެހީތެރިވުމުގެ އިތުރުން އަންނާރަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. އެންޓިއޮކްސިޑެންޓް ގިނަ އަންނާރު އޮށަކީ ޑިޓޮކްސިފިކޭޝަން ނުވަތަ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.



More from Dhuvas.mv