ކޮވިޑުގެ ހާލަތާއި ގުޅިގެން ފުރަންފެށި “ޓްރެވަލް ޑެކްލެރޭޝަން” ފޯމު ދެން ދިވެހިން ފުރަން ނުޖެހޭގޮތަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި، މިއަދު (20 ނޮވެމްބަރު 2023) އިން ފެށިގެން “ޓްރެވަލް ޑެކްލަރޭޝަން” ފޯމު ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ނިންމަވާފައިކަމަށެވެ.
“ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަޙީދު ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައި” އިމިގްރޭޝަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެންމެ ފުރަތަމަ “ޓްރެވެލަރ ހެލްތު ޑެކްލަރޭޝަން” ފޯމުގެ ގޮތުގައި ފުރަން ފެށި އެ ފޯމަކީ ކޮވިޑުގެ ހާލަތާއި ގުޅިގެން ފުރަން ފެށި ފޯމެކެވެ. ފަހުން އެ ފޯމު އޮންލައިން ޕޯޓަލަކަށް ބަދަލުކޮށް “ޓްރެވަލް ޑެކްލަރޭޝަން” ފޯމުގެ ގޮތުގައި ބަދަލުކުރިއެވެ.
އިމިގްރޭޝަނުން ފާހަގަކުރާގޮތުގައި މި ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް ނިންމެވީ ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކްލީފެއް އުފުލަންޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީއެވެ.