މާލޭގައި 20 އަހަރު އުޅެފައިވާ އެންމެންނަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

Tue, 19 Sep 2023 11:27 PM

View on this article on Dhuvas.mv

މާލޭގައި 20 އަހަރު އުޅެފައިވާ އެންމެންނަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

މާލޭގައި 20 އަހަރު އުޅެފައިވާ އެންމެންނަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިރޭ އެމްޑީޕީގެ ފަރާތުން ގަލޮޅުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތި ވެފައިވާ ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުން ފިޔަވައި، މާލޭގައި އެތައް ޒަމާނަކު ދިރިއުޅޭ ރައްޔިތުން އެބައުޅޭ ކަމަށެވެ.

އެ ފަރާތްތައް ދިގުމުއްދަތެއްގައި މާލޭގައި އުޅޭތީ، އަމިއްލަ ރަށުން ގޯތި ލިބުމުގައި މިހާރު ދަތިވާ ކަމަށާއި އަދި ސިޔާސަތުތައް ހުންނަ ގޮތުން މާލެއިން ގޯތި ލިބުމުގައިވެސް ދަތިތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، އާ ހައުސިންގް ސްކީމެއް ފަށައި، މާލޭގައި ދިރިއުޅޭތާ20 އަހަރަށްވުރެ ގުނަ ދުވަސްވީ މީހުންނާއި ދަފްތަރުގައި ޖެހި20 އަހަރަށްވުރެ ގިނަ ދުވަސްވީކަން ކަށަވަރު ކޮށްދޭ ހުރިހާ އެންމެންނަށް ގޯއްޗާއި ފްލެޓް ދޫކުރާނެ ކަމަށެވެ.

މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އެކަމުގެ ސިޔާސަތުގައް ކަނޑައަޅާފައި ވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، މިހާރު މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތައް ހެދުމުގައި ދަތިތައް ހުރި ވާހަކަ އާއްމުން ހިއްސާކުރާ ކަމަށެވެ. އަދި ގޭގެއަށް ޒިޔާރަތް ކުރާއިރު އާއްމުން އެކަމުގެ ޝަކުވާ ކުރާ ކަމަށެވެ.

އެ ގޯތިތައް ހެދުމަށްޓަކާ ހައުސިންގް ބޭންކެއް އުފައްދާ، ލުއި ލޯނު ދިގު މުއްދަތުގައި ދެވޭ ގޮތަށް ކަނޑަ އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



More from Dhuvas.mv