ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތައް ބޮޑުއަގުގައި ދިން ބޭފުޅަކީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިރޭ ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހައްލުކޮށްދިނުމަށްޓަކާ މަސައްކަތް ކުރާއިރު، ވާދަވެރިން ދައްކާ ބައެއް ވާހަކަތައްވެސް އަޑުއަހަން ޖެހޭ ކަމަށެވެ.
އަދި ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތަކުގެ ކުއްޔާ ބެހޭގޮތުން މުއިއްޒު ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ، އެ ކުލި ކަނޑައެޅުއްވީވެސް މުއިއްޒު ކަމަށެވެ.
“ބައްލަވާ މިއަދު ނުކުމެވަޑައިގެން ވިދާޅުވި ވާހަކަ. ގާކޮއްޓާ އަރަބިއްޔާގެ ފްލެޓްތަކުގެ ކުލި އެ ހުރީ މާ ބޮޑުކޮންނޭ. ތިމަންނަމެން އައިސް އެ ކުޑަ ކުރާނަމޭ. ބަލަ އޭގެ އަގު ކަނޑައެޅީ ކޮން ބޭފުޅެއްތޯ؟ ހައުސިންގް މިނިސްޓަރަކަށް ހުންނަވައިގެން އެކަން ކުރެއްވި ބޭފުޅަކީ އެއީ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތް އަގަށް ވރެް އެތައް ތަނެއް ބޮޑުކޮށް ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓްތަކުގެ އަގުތައް ކަނޑައެޅީ ޕީޕިއެމް ސަރުކާރުގައި ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ، އެ ފްލެޓްތަކުގެ ލޯނުތަކަށް ފަސޭހަ ގޮތެއް ހަދައިދީ، އެތަންތަނަށް ދައްކަން ޖެހޭ އަގުތައްވެސް އަތް ފޯރާ ފަށަށް ކުޑަކޮށްދޭނެ ކަމަށެވެ.
އެއީ ސޯޝަލް ހައުސިންގްކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެއީ މެދުފަންތި ނުވަތަ މަތީ ފަންތީގެ ފްލެޓްތައް ނޫން ކަމަށެވެ. އެހެންކަމުން ސޯޝަލް ކެޓަގަރީގެ އެއްވެސް ފްލެޓް އަތްފޯރާ ފަށުން މަތީގައި ހުރެގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.