ލީބިޔާގައި ފެންބޮޑުވި ޑެރްނާ އިން ބައެއް ނޫސްވެރިން ނުކުތުމަށް ކަމާ ބެހޭ ފަރާތްތަކުން އެދިއްޖެއެވެ.
ޑެރްނާގެ އޮފިޝަލުން ބުނަނީ އެ ސިޓީގައި އެހާ ގިނަ ނޫސްވެރިން ތިބޭ ކަމަށާއި އެއީ ރެސްކިއު ޓީމުތަކުގެ މަސައްކަތަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.
ސަރުކާރުގެ ވަޒީރަކު ރޮއިޓާސް ނިއުސް އެޖެންސީއަށް އަންގާރަ ދުވަހު ކަށަވަރުކޮށްދެއްވި ގޮތުގައި ނޫސްވެރިން ނުކުތުމަށް އަންގާފައިވަނީ “ރެސްކިއު ޓީމްތަކަށް އެ މަސައްކަތް މިހާރަށްވުރެ ފަސޭހަކަމާއި ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ރަނގަޅު މާހައުލެއް ގާއިމުކުރުމުގެ ގޮތުން” ކަމަށެވެ.
ލީބިޔާގެ އިރުމަތީ ސަރުކާރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހިޗެމް އަބޫ ޗުކިއޯއަތު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ނޫސްވެރިން މިހާރު ވަނީ ރެސްކިއު ޓީމުތަކުގެ މަސައްކަތަށް ހުރަހަކަށް ވެފަ އެވެ.
އެ ސިޓީ ހަލާކުކޮށްލި ނުރައްކާތެރި ޑޭމް ވެއްޓުމާ ގުޅިގެން އޮންލައިންކޮށް އެނބުރި އައި މުވާސަލާތީ ގުޅުންތައް ވެސް އަންގާރަ ދުވަހުގެ ހެނދުނު ވަނީ ދަށަށް ގޮސްފަ އެވެ.
އިރުމަތީގެ ޓެލެކޮމިއުނިކޭޝަން ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަރަންޓު ކެނޑުނީ ކަނޑާފައި ހުރި ފައިބާ އޮޕްޓިކް ކޭބަލްތަކުގެ ސަބަބުން ކަމަށާއި އެކަން ވީ ކިހިނެއްތޯ އެ ކުންފުނިން ބަލަމުން އަންނަ ކަމަށެވެ.
އަދި ބައިނަލްއަގްވާމީ އެހީދޭ ޖަމިއްޔާތައް ވެސް އެތަނުން ނުކުތުމަށް ނުވަތަ އެ ޖަމާއަތްތަކުގެ ހިންގުން ބަދަލުކުރަން އަންގާފައިވާ ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުނެވެ. ނަމަވެސް އެއްވެސް ނިއުސް އެޖެންސީ އަކުން މިކަން މިނިވަންކަމާ އެކު ކަށަވަރކޮށްދީފައެއް ނުވެއެވެ.