އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ ކުރަންޖެހޭ ކަމެއް: ރައީސް

Thu, 08 Jun 2023 11:20 PM

View on this article on Dhuvas.mv

އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ ކުރަންޖެހޭ ކަމެއް: ރައީސް

ކޮންމެ ރަށެއްގައި ވެސް ހުރި އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް “ސިވިލް ސޮސައިޓީ އެވޯޑްސް”ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް މިރޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

އަދި ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ، ޙަޤީޤީ އުފާވެރިކަން ލިބޭނީ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރީ އެކި މިންވަރަށް އެކިބާވަތުގެ އިޖުތިމާޢީ މައްސަލަތައްކަން ފާހަގަކުރައްވައި ކޮންމެ ރަށެއްގެ ޙާލަތަށް ރިޢާޔަތްކޮށް، މި މައްސަލަތައް ޙައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން އެމަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު މި މައްސަލަތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ އިސްނެގުމާ އެއްބާރުލުން ކޮންމެހެން ބޭނުންވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށާއި ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީވެސް އެހާމެ އިސްކަންދޭން ޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޖުތިމާޢީ މައްސަލަތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ޚާއްޞަގޮތެއްގައި ޖަމުޢިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ބޭނުންވާ ދެ ދާއިރާކަން ފާހަގަ ކުރައްވައި މިއީ މަދަނީ ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންތައްތަކެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ވެސް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުމާއެކު ޚާއްޞަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިރޭ ބޭއްވި ޙަފުލާގައި ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ޙަފުލާގައި “މީސް ޕޯޓަލް” އިފުތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި އެން.ޖީ.އޯ ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ރާއްޖޭގައި އަލަށް ތަޢާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރު ކުރުމާއި އެކަންކަމުގެ އަގުވަޒަން ކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.



More from Dhuvas.mv