މި މަހު 14 ގައި ޑެސްފަރަލްގެ އައު ޝިޕްމަންޓް ލިބޭނެ: ހެލްތު މިނިސްޓްރީ

Thu, 08 Jun 2023 04:37 PM

View on this article on Dhuvas.mv

މި މަހު 14 ގައި ޑެސްފަރަލްގެ އައު ޝިޕްމަންޓް ލިބޭނެ: ހެލްތު މިނިސްޓްރީ

ރާއްޖެއިން މިވަގުތު ހުސްވެފައިވާ ޑެސްފަރަލްގެ ޝިޕްމަންޓެއް މި މަހުގެ 14ގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ޑެސްފަރަލް އަކީ ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ބޭހެކެވެ.

އެގޮތުން ޑެސްފަރަލް ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ލަވަ ކިޔުންތެރިޔާ މާއިން ރަޝީދު ޓްވިޓާގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.

މިކަމަށް އިޝާރަތްކޮށް ދުވަސް ނޫހާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ މި މަހުގެ  14 ގައި ޑެސްފަރަލްގެ އައު ޝިޕްމަންޓް ލިބޭނެ ކަމަށެވެ.

އަދި ޑެސްފަރަލް ލިބުން ދަތިވީ ރާއްޖެއަށް ބޭސް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ޝަތުފާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެސްޓީއޯ އާއި ހެލްތު މިނިސްޓްރީން ޑެސްފެރަލް ޝިޕްމަންޓް އަށް އޯޑަރު ދީފައިވާ ކަމަށް ޝަތުފާ ވިދާޅުވެފައި ވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ތެލަސީމިއާ އަށް ފަރުވާކުރާ 600 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ދަގަނޑުގެ މާއްދާއާ ގުޅޭ ފަރުވާ ދިނުމުގެ އެހީގެ 13 ވަނަ މާއްދާގައި ބަޔާން ވެގެންވާ ގޮތުން ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް އެ ކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ކުދިންނަށް ޤަވާއިދުން ދޭންޖެހޭ ފަރުވާ ދަޢުލަތުގެ ހަރަދުގައި ސެންޓަރުތަކުން ހަމަޖައްސައިދޭން ވާނެއެވެ.



More from Dhuvas.mv