އިންނަމާދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި

Thu, 08 Jun 2023 02:34 PM

View on this article on Dhuvas.mv

އިންނަމާދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި

ރ. އިންނަމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 14،417 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި،32،310 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި،950 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ.

އަދި 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި،178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި،18 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، ވެލިބަރު ކޮށްފައިވާ ބޭރުތޮށީގައި 222 މީޓަރުގެ ބޭރު ރިވެޓްމެންޓެއް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 472 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިންގ ބޯއީސް ހަރުކުރުމާއި،11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި 2716 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން 251 މީޓަރުގެ ކާރބް ހަރުކުރުން ހިމެނެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން  67.20 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް،  ފާތުމަތު ޝާނާ ފާރޫޤެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.



More from Dhuvas.mv