ކުރިން ކުރިއަށް ނުގެންދެވޭވަރަށް މިއަހަރު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވޭ: ނައިބު ރައީސް

Thu, 08 Jun 2023 11:13 AM

View on this article on Dhuvas.mv

ކުރިން ކުރިއަށް ނުގެންދެވޭވަރަށް މިއަހަރު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވޭ: ނައިބު ރައީސް

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުރިއަށް ނުގެންދެވޭ ވަރަށް މިއަހަރު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް ފައިޞަލް ނަސީމް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރާއްޖޭގެ ގިނަ އަދަދެއްގެ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ މި ސަރުކާރުން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުން އެހެން ސަރުކާރުތަކުން މީގެ ކުރިން ކުރިއަށް ނުގެންދާހާ ގިނަ ޕްރޮގްރާމްތައް މިސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެކިއެކި ދާއިރާތަކަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ޚާއްސަކޮށް ދީނީ ޕްރޮގްރާމްތަކަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެމަނިކުފާނުވަނީ ދީނީ ޢިލްމުވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަހަރު ކުރިއަށް ގެންދެވުނު ދީނީ ގިނަ ޕްރޮގްރާމްތަކަށް ބައްލަވަމުން ނާއިބު ރައީސް ފައިސަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ސްކޫލު ދަރިވަރުންނަށާއި ޢާންމުނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިޔުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަމަށެވެ.

މި ސަރުކާރަކީ ކޮންމެ ކަމެއްގައިވެސް މަޝްވަރާއާއި ލަފާ ހޯދައިގެން ޤައުމު ބިނާކުރުމުގެ މަސައްކަތްކުރާ ސަރުކާރެއްކަން ފާހަގަކުރައްވާ މި މަސައްކަތުގައިވެސް ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށް  ނާއިބު ރައީސް ފައިޞަލް ނަސީމު ވިދާޅުވިއެވެ.

މީގެ އިތުރުން ނާއިބު ރައީސް ފައިޞަލް ނަސީމު ވަނީ ކުރިއަށް އޮތް ޖީލުތަކަށްވެސް މިފަދައިން ޢިލްމު ފޯރުކޮށް ދިނުމުގައި ޢިލްމުވެރިން ދެމި ތިއްބެވުމަށް އެދިވަޑައިގެން އެ ޖީލުތަކަކީ ހެޔޮ، އަޚްލާޤު ރަނގަޅު ޖީލުތަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަ ކުރައްވައި އެކަމުގައިވެސް ޢިލްމުވެރިންގެ އެހީތެރިކަމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.



More from Dhuvas.mv