އެމްޑީޕީން ބުނަނީ ހަރުގެ ހިސޯރު ކުރީ ކަމަށް، ފިޔަވަޅު އަޅައިދިނުމަށް ހުށަހަޅަނީ

Mon, 29 May 2023 08:24 PM

View on this article on Dhuvas.mv

އެމްޑީޕީން ބުނަނީ ހަރުގެ ހިސޯރު ކުރީ ކަމަށް، ފިޔަވަޅު އަޅައިދިނުމަށް ހުށަހަޅަނީ

އެމްޑީޕީގެ ހަރުގެ ބަޔަކު މިއަދު ހިސޯރު ކުރީ ކަމަށާއި އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައިދިނުމަށް ކަމާއިބެހޭ އިދާރާތަކަށް ފިޔަވަޅު އަޅައިދިނުމަށް ހުށަހަޅާނެކަމުގައި އެމްޑީޕީއިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

“ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ މި ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.” އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއިން ބޭނުންކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށާއި ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް ވަނީ އެއްބަސްވެވިފައި ކަމަށެވެ. ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, އެ ޕާޓީގެ މުދަލަށް ގެއްލުންދީފައިވާކަމަށް ބުނެފައިވެއެވެ.

“މި ޕާޓީއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެސް އެދިފައިވާނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން މި ޕާޓީއިން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށް” އެމްޑީޕީން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެމްޑީޕީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތުކުރާ އަދި ތަރުހީބު ދޭ ޕާޓީއެއް ކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި އެ ޕާޓީން ދެކޭކަމަށެވެ. އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ މި ޕާޓީގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ.

މިއަދު އެ ހަރުގެއަށް ރައީސް ނަޝީދުގެ ދި ޑިމޮކްރެޓްސްއިން ވަދެ އެ ޕާޓީގެ ހަރަކާތްތައް މިއަދު އެ ހަރުގޭގައި ވަނީ ފަށާފައެވެ.



More from Dhuvas.mv