ވާހަކަ: ލޯބީގެ ހާދިސާ – ފަހުބައި

Mon, 29 May 2023 07:04 PM

View on this article on Dhuvas.mv

ވާހަކަ: ލޯބީގެ ހާދިސާ – ފަހުބައި

ކުރީގެ އަދަދާއި ގުޅޭ…

މާކުރިން ރާވާފައި އޮތް ފަދައިން އަހަރެން ފުރަތަމަވެސް އައީ މިތަނަށެވެ. ބަދަލުހިފުމުގެ ރޫހުގައި ހުރިވަރުން މަންމަމެންނާ މެދު ވިސްނައިނުލެވުނީތީ މިހާރު އަހަރެން މިއިންނަނީ އިންތިހާއަށް ދެރަވެފައެވެ. ނިމާލް އަހަރެންގެ މަންމަމެން މަރާ ނުލާ ކަމެއްވެސް ނޭނގެއެވެ. އަހަރެން މިތަނުން ނުނިކުމެ އިންނަތާ މިހާރު ދެހަފްތާވަރު ވެދާނެއެވެ. ކުރިންވެސް ބުނިހެން ވަގުތު މިމވަނީ ވަރަށް ކުޑަތަންވެފައެވެ. އެމީހުންނަށް އަހަރެން ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ކަންތައްމިވަނީ އަހަރެންނަށް ހީވި ގޮތަށެވެ. އެއިވެނީ ދޮރުގައި ތަޅާ އަޑެވެ. އެތަޅާ ގޮތުން އެމީހުން ރުޅިއައިސްފައިވާވަރު ހާމަކޮށްދެއެވެ. އަހަރެންގެ ވަގުތު އައިސް ޖެހުނީއެވެ. ނުހުޅުވިއްޔާ ދޮރު ވައްޓާލާފައިވެސް އެމީހުން ވަންނާނެއެވެ. އަހަރެން ބޭނުންނަމަ ކުޑަދޮރުން ފުންމާލައިގެންވެސް މިތަނުން ނިކުމެވިދާނެއެވެ. ނަމަވެސް އެގޮތެއް އަހަރެން ބޭނުމެއް ނޫނެވެ. އިތުރަށް ފިލާކަށް ބޭނުމެއް ނޫނެވެ. އެހެންވެ ގޮސް ދޮރު ހުޅުވާލައިފީމެވެ.

ނައުރާގެ ނަޒަރުން

އިޒާން އަހަރެންނަށް އެފަދަ އަނިޔާއެއް ދީފާނޭ ދުވަހަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ. ރޯވަމުން ދިޔަ އަލިފާންގަނޑު ފެނުމާއެކު އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އެއްފަރާތަކަށް އަހަރެން ވެއްޓުނީ ސިއްސައިގެން ގޮހެވެ. އެއަލިފާނުގެ ގަދަ ދިލަ އަހަރެންގެ ހަށިގަނޑަށް އިހުސާސް ވަމުން ދިޔަ ހިނދު އަހަރެންގެ އަނގައިން ނިކުތީ ވޭނީ ހަޅޭކުގެ އަޑެވެ. އެހެނަސް އަހަރެން ހިތްވަރު ދޫކޮށެއް ނުލަމެވެ. އަހަރެންނަށް އޮވެވުނީ ފާހާނަ އާ ކައިރީގައި ކަމުން ހިތްވަރުކޮށްފައި ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ. އޭރުވެސް ނަސީބަކުން ދަބަސް އޮތީ އަހަރެންގެ ކޮނޑުގައެވެ. އޭގެތެރޭގައި އޮތް ފޯނު ނަގާ އަހަރެން ފުރަތަމަވެސް އަހަރެން ގުޅީ ކަމާބެހޭ ފަރާތަށެވެ.

” ނައުރާ.. ނައުރާ!! ” ދޮންބެ އަހަރެންނަށް ގޮވާ އަޑުއިވުނެވެ. ފަހުދް ދޮންބެއަށް ގޮވަމުން ދިޔަ ގޮތުން ހީވީ ދޮންބެ އެތަނަށް ވަނަނުދޭން މަސައްކަތް ކުރަނީ ހެންނެވެ. އިރުގަނޑެއް ފަހުން ދޮންބެ ވަރަށް ބާރަށް ފަހުދަށް ގޮވައިލި އަޑުއިވުނެވެ. ވީ ކިހިނެއްކަމެއް އޭރު އަހަރެންނަކަށް ނޭނގެއެވެ.

އަހަރެންނަށް ރޮވެމުން ދިޔައީ ހަށީގަނޑަށް އަޅަމުން ދިޔަ ވޭނަކުން ނޫނެވެ. އިޒާން އަހަރެންނަށް ހެދި ގޮތުންނެވެ. އަހަރެންގެ އެއްވެސް ކުށަކާ ނުލައެވެ. ﷲގެ ރަހުމަތްފުޅުން މާގިނައިރެއް ނުވެ ސިފައިން އައިސް އަލިފާންގަނޑު ނިއްވާލައިފިއެވެ. އެތަނުން މީހަކު އައިސް އަހަރެން ސްޓްރެޗަރ އަކަށް ލީކަން އެނގުނެވެ. ހަށީގަނޑު އެއްކޮށް ފޮރުވިފައިވާ މީހަކު ސްޓްރެޗަރގައި ގެންދަނިކޮށްވެސް ފެނުނެވެ. ނަމަވެސް ދެންވީ ގޮތެއް ނޭނގުނެވެ. ހޭއެރިއިރު އޮތީ ހޮސްޕިޓަލުގައެވެ. ހަށިގަނޑުގެ ބައެއް ތަންތަނުގައި ބެންޑޭޖްކޮށްފައިވީއިރު އެންމެ ގަދަޔަށް ބެންޑޭޖްކޮށްފައިވީ އަހަރެންގެ ކަނާއަތު ފައެވެ. އިޒާން އަހަރެންނާމެދު ކަންތައްކުރިގޮތް ހިތަށް އަރާ އަހަރެންނަށް ރޮވެން ފެށުނެވެ. ސްޓްރެޗަރ އަށް ލައިގެން ދިޔަ އަނެއްމީހާވެސް ހިތަށް އައިސްވަނީ އެވަގުތުއެވެ.

އެއީ ކާކުތޯ އޮޅުން ފިލުވަން ބޭނުންވެ އަވަހަށް އަހަރެންގެ ފޯނު ހޯދަން ފެށީމެވެ. އެވަގުތަކީ ޑޮކްޓަރާއެކު ޒުހުދާވެސް އެތަނަށް އައިސްވަން ވަގުތެވެ.

” ޒުހޫ!! ކޮބާ ދޮންބެ.. ދޮންބެ ކޮބާ..؟ ” ކިތަންމެ ރުޅިއައިސްފައިވީ ނަމަވެސް އެއީ އަހަރެންގެ އާއިލާގައި ހުރި ހަމައެކަނި މީހާއެވެ. އޭނާއަށް ދެރަގޮތެއް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

” ރިލެކްސް ނައުރާ!! ދޮންބެ ރަނގަޅު.. އިހަށް ރީތިކޮށް އޮތީމަ އަވަހަށް ރަނގަޅުވާނީ.. ” އަހަރެންގެ ބޮލުގައި  ފިރުމާލަމުން ޒުހުދާ ބުންޏެވެ.

” ކޮބާ ދޮންބެ؟ ކީއްވެ މިތަނަށް ނައީ.. ” އަހަރެން އެހީމެވެ. އެވަގުތު ޒުހުދާގެ މޫނުމަތިން ކަންބޮޑުވުން އަހަރެން ދުށީމެވެ.

” ކިހިނެއްވީ ޒުހޫ.. ދޮންބެ ކޮބާ..؟ ” އަހަރެންގެ ހިތް ބިރުގަންނަންފެށިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ޒުހުދާ ޑޮކްޓަރު ކައިރިން ކުޑަވަގުތުކޮޅެއް ދިނުމަށް އެދުނެވެ. އެހިނދު ބޯޖަހައިލުމަށްފަހު ޑޮކްޓަރު އެތަނުން ނިކުމެ ދޮރުލައްޕައިލިއެވެ.

” ނައުރާ..!! ދޮންބެ.. ދޮންބެ ފުލުހުން ގެންގޮއްސި.. ” ޒުހުދާގެ ވާހަކައިން އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. އެހެންވެ އިތުރަށް އޮޅުން ފިލުވައިދިނުމަށް އެދުނީމެވެ.

” އޮފީހުގައި ރޯކޮށްލި ތުހުމަތުގައި ނިމާލް ހައްޔަރުކުރީ.. އެކަން ކުރީ ނިމާލް  އެވަގުތު އެތަނަށް ހާޒިރުވެ ހުރީ ދޮންބެއާއި ފަހުދް.. އަންފޯޓިއުނޭޓްލީ ނައުރާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފަހުދް ނިޔާވީ. ” ޒުހުދާ ކިޔައިދިނެވެ. ލިބުނު ސިހުމުގައި އަހަރެންނަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.

” އެކަމަކު ކީއްވެ ދޮންބެއަށް ޝައްކު ކުރެވެންވީ.. ؟؟ ” އަހަރެން ބުނީމެވެ.

” ކީއްވެ ޝައްކު ނުކުރެވެންވީ..؟؟ ނައުރާއަށް އެނގެއެއްނު ނިމާލް ނައުރާއާއި އިޒާން ދެކެ ރުޅިއަންނަވަރު.. ފައިސާގަނޑުގެ ދަހިވެތިކަމުގައި ނިމާލް އެފަދަ ކަމެއްކޮށްފާނެއްނު.. ” ޒުހުދާ ބުނީ ހިތްހަމަނުޖެހިފައެވެ. ” ނައުރާއަކަށް ނޭނގޭނެ ނިމާލްގެ ހަޤީޤަތެއް.. އެދުވަހު ރިސޯޓުގައި ފެނުނު މަންޒަރަށްފަހު އަހަރެން ރުޅި އައިސްގެން ގެއިން ނިކުމެގެން ދާން އުޅުމުން ނިމާލް އަހަރެންނާ ބިރުދައްކާ ހުއްޓުވީ.. އަހަރެންނަށް އެކި ކަހަލަ އަނިޔާތައް ދީ މަރާލާނެ ކަމުގެ ބިރުދައްކުވާ ގަދަކަމުން އަހަރެން ލައްވާ ކަންކަން ކުރުވަން ފެށީ. ލިބުނު ފުރުސަތުގައި ނިމާލްއަށް ދެކޮޅަށް ފުލުހުންނަށް ހެކިބަސް ދިނީ އަހަރެން.. ދެން އިރާދަކުރެއްވިއްޔާ ނިމާލްއަށް އަހަރެންގެ ގައިގައި އިނގިލިކުރިވެސް ޖައްސާ ނުލެވޭނެ.. ”

ޒުހުދާ ދެއްކި ވާޙަކައިން އަހަރެން ބަސް ހުއްޓުނެވެ. ދޮންބެގެ ނުލާފަކަން އިންތިހާއަށް ދިއުމުން އަހަރެންވެސް ކޮންމެހެން ދޮންބެ ސަލާމަތް ކުރާކަށް ނުވިސްނަމެވެ. ޒުހުދާހެން ލިބުނު ފުރުސަތުގައި ޒޭބާގެ މައްސަލަވެސް ފުލުހުންނަށް ހުށައަޅަންވީއޭ ހިތަށް އެރިއެވެ.

” އަހަރެންނަށް މިތަނުގައި ހުރެވޭކަށް ނެތް ނައުރާ.. ؟ އިޒާން ކޮބާތަ؟ އޭނާއަށް ވަރަށް ގުޅައިފިން.. ފޯނު ނުނަގާ..” ޒުހުދާ ބުންޏެވެ. އިޒާންގެ ނަން އިވުމުން އަހަރެންގެ ހިތް މޭތެރޭގައި ފިތުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. އިޒާން މިހާރު އުޅޭނީ އޭނާއަށް ލިބުނު ކާމިޔާބީގައި އުފާ ފާޅުކުރުމުގައިކަން ޔަގީނެވެ. އިޒާން ބޭނުންވިހެން އަހަރެން މަރުނުވާކަން އެނގުމުން ދެރަވާނެއެވެ. އެހެންވިޔަސް އަހަރެން އިޒާންއާ ބައްދަލުކުރަން ބޭނުމެވެ. އަހަރެންގެ ކުށެއް ނެތްކަން އަންގައިދެން ބޭނުންވެއެވެ.

” އިޒާން ވީ ވިޔަފާރިކަމެއްގައި އަތޮޅު ތެރެއަށް ފޮނުވާފައި.. ދޮންބެ ފޮނުވީވެސް.. ” ދޮގު ހަދަން ޖެހުމުން އުނދަގޫވިޔަސް އަހަރެން ބުނީމެވެ.

***********

އިޒާންގެ ނަޒަރުން

ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ނައުރާ ފެނި އަހަރެންނަށް ލިބުނީ ސިހުމެކެވެ. އެހާ މަސައްކަތަށް ފަހުވެސް އޭނާ މަރުނުވާކަން އެނގުމުން އަހަރެންނަށް ދަތްކުޑިވިކައިލެވުނެވެ.

” ކަލޭ މަރެއްނުވޭތަ؟ އަނެއްކާވެސް އަހަރެން ކައިރިއަށް ތިއައީ އަހަރެންލައްވާ ކަލޭ މަރާލުމުގެ ފާފަ ކުރުވަންތަ؟” ނައުރާއަށް ފުރަގަސް ދެމުން އަހަރެން ބުނީމެވެ. ވަކި ބަހެއް ނުކިޔާ ނައުރާ އެތެރެއަށް ވަދެގެން ގޮސް ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުއްޓުނެވެ. އަހަރެން ނައުރާއަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ.

” އިޒާން ބޭނުންވި ގޮތް ނުވީތީ ދެރަނުވޭ.. އަހަރެން މިތަނަށް މިއައީ ފަހަރެއްގައިވެސް އިޒާން ކައިރީގައި ރޮއެ އާދޭސް ކުރާކަށް ނޫން.. އަހަރެން މިއަދު މިތަނަށް މިއައީ އިޒާންއަށް އަހަރެންގެ ކުށެއް ނެތްކަން ސާބިތުކޮށްދެންވެގެން.. އެއަށްފަހު އަހަރެން ދުވަހަކުވެސް އިޒާން ފެންނަ ހިސާބަށް ނާންނާނެކަމުގެ ޔަގީންކަން ދެން.. ” ނައުރާ ބުނެލިއެވެ.

” ކަޓް ދި ކްރެޕް ނައުރާ..!! މިތިބަ މީހުން ގޮވައިގެން ތިއައީ އަހަރެންގެ ދުވަސް ދުއްވާލަން ކަމަށް ވަންޏާ ލަސްނުކޮށް އެކަން ކުރަން އުޅޭ.. އެހެންނޫނީ އަހަރެން އަތުން ގޯހެއް ހެދިދާނެ..” އަހަރެން ބުނީމެވެ.

” އިޒާން…!! ” އަހަރެންގެ ފަހަތުން އިވުނު އަޑާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. އެއީ އެއަޑެއް ދުވަހަކުވެސް އަހަރެންނަށް ނޯޅޭނެ އަޑެކެވެ. މަޑުމަޑުން އަހަރެން ފަހަތަށް އެނބުރި ބަލައިލީމެވެ. ފެނުނު މަންޒަރާއެކު އަހަރެންނަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި އެހުރީ މިވީހާ ދުވަހު މަރުވިކަމަށް އަހަރެން ހީކޮށްގެން ހުރި މީހާއެވެ. އަހަރެންގެ ދެލޮލުގެ ފިނިކަމެވެ. އަހަރެންގެ މިހިތުގެ ހަމަޖެހުމެވެ. އަހަރެންގެ ޒޭބާއެވެ.

” ޒޭބާ!! މަރެއް… ނުވޭތަ؟ ” ދެލޯ ފެންކަޅިވަމުން ދިޔަ ހިނދު އަހަރެންނަށް ބުނެވުނެވެ. އެހިނދު ޒޭބާ ބޯޖަހާލައިފިއެވެ. ޒޭބާގެ އއަތުތެރޭގައި ކުޑަކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތީ މާފަހުންނެވެ.

” އިޒާން.. ” ޒޭބާ ރޯންފެށިއެވެ. އެވަގުތު އަހަރެންނަށް ބާރަށް ހިނގާފައި ގޮސް ޒޭބާ ގައިގައި ބައްދައިގަތީމެވެ. އަހަރެން ޒޭބާއާ ދުރުވެލީ އޭނާގެ އުރުގައިވާ ކުޑަކުއްޖާ ރޯން ފެށުމުންނެވެ. އެހިނދު ޒޭބާ އަހަރެންނާ ދިމާލަށް އެކުއްޖާ ދިއްކޮށްލިއެވެ. އަހަރެން އެކުއްޖާއަށް ބަލައިލީ ހައިރާންވެ ހުރެއެވެ. އެއްފަހަރު އެކުއްޖާއަށް ބަލައިލުމަށްފަހު އަނެއްފަހަރު ބަލައިލީ ޒޭބާއަށެވެ.

” މީ އިޒާންގެ ދަރިފުޅު… އާޒް!! ” ޒޭބާ ބުނެލިއެވެ. އަހަރެންނަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ދަރިފުޅު އުރާލި ހިނދު އަހަރެންގެ ލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. ކުޑަކުޑަ އާޒްގެ ކޮލުގައި ބޮސްދިނުމަށްފަހު ޒޭބާވެސް ގަޔާ ކައިރިކޮށްލީމެވެ.

” ހަޤީޤަތް ތިހިރީ އިޒާންގެ ކުރިމަތީގައި ފެންނަން.. ޒޭބާ މަރެއްނުވޭ.. ” އަހަރެމެން ކައިރިއަށް އައިސް ހުއްޓެމުން ނައުރާ ބުންޏެވެ.

” މިވީހާ ދުވަހު އަހަރެންގެ ދަރިފުޅާއި ޒޭބާ އަހަރެންނާ ވަކިކޮށްފާ ކަލޭ ބެހެއްޓީ.. މިހާރު ދެން ކަލޭގެ އަމިއްލަ ބޭނުމަށް ޒޭބާ ގެނެސް މިތާ ބަހައްޓާފައި ކަލޭގެ ކުށެއް ނެތްކަން ސާބިތުކޮށްދެން އުޅުނަސް އަހަރެން ޤަބޫލެއް ނުކުރާނަން.. ކަލޭއާއި ކަލޭގެ ބޭބެ ކަހަލަ ހިތެއް ނެތް ހިމާރުންނަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން.. ” އަހަރެން ބުނެލީމެވެ. އެވަގުތު ހިތްހަމަނުޖެހިފައި ޒޭބާ އަހަރެންނަށް ގޮވާލައިފިއެވެ.

” ﷲގެ އިރާދަފުޅާއެކ އަހަރެންނާއި އާޒް ސަލާމަތުން އިޒާންގެ ކުރިމަތީގައި ސަލާމަތުން ހުއްޓި މިހުރީ ނައުރާގެ ސަބަބުން.. އިޒާން ނައުރާ އާ މެދު ތިހީކުރަނީ ރަނގަޅަކަށް ނޫން.. ” ޒޭބާ އާޒް ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ބުންޏެވެ.

” ޒޭބާ ޕްލީޒް.. އަހަރެންނަށް އެނގޭ ތިހެން ބުނަން މިހިރަ ނައުރާ ޒޭބާއަށް މަޖުބޫރުކުރީކަން.. އަހަރެންގެ ކުރިމަތީ ޒޭބާ ބިރުގަންނަން ނުޖެހޭނެ.. ޒޭބާއާއި އާޒްއަށް ދިމާވާ ކޮންމެ ނުރައްކަލަކުން އަހަރެން ސަލާމަތް ކޮށްދޭނަން.. ” ޒޭބާގެ ކޮނޑުގައި ހިފަހައްޓާލަމުން އަހަރެން ބުނީމެވެ.

” ނޫން އިޒާން.. ތިހީކުރަނީ ރަނގަޅަކަށް ނޫން.. ވެދިޔަ އެއްވެސް ކަމެއްގައި ނައުރާގެ އެއްވެސް ކުށެއް ނެތް. ކުރި ކަމެއް ކުރީ ނިމާލް.. އޭނާގެ ވަކިތަކުން އަހަރެން ސަލާމަތް ކޮށް ސަލާމާތުގެ އައްސޭރިއަކަށް ގެންގޮސްދިނީ ނައުރާ.. އެންމެ މުހިންމުވި ވަގުތު އަހަރެންނާއި އާޒްއަށް ސިއްހީ ފަރުވާ ދީ އަހަރެމެން ދެމައިންގެ ފުރާނަ ސަލާމަތްކޮށްދިނީ ނައުރާ.. ނައުރާ އަކީ ތިހީކުރާ ކަހަލަ މީހެއް ނޫން. ނައުރާ އަހަރެންނަށް ހުރިހާ ހަޤީޤަތެއް ކިޔައިދީފި. ” ޒޭބާ ބުންޏެވެ. އަހަރެންނަށް ޤަބޫލުކުރަން ދައްޗެވެ.

” ނައުރާ އަކީ އެހާ ރަނގަޅު މީހެއްނަމަ އަހަރެމެން ރައްޓެހިވެގެން އުޅޭކަން އެނގިހުރެ ޒޭބާ އަހަރެންނާ ދުރުކުރަން ނޫޅޭނެ.. އަހަރެންގެ މިދެކަންފަތުން އެހީ ނައުރާ ނިމާލް ކައިރީގައި ޒޭބާ ދުރުކޮށްދިނީތީ ޝުކުރު އަދާކުރި އަޑު.. ނައުރާގެ ބަސްތަކަށް ނުހެއްލޭ ޒޭބާ.. ” އަހަރެން ބުނީމެވެ.

” ނޫން އިޒާން.. ﷲ އަށްޓަކާ މިބުނަނީ.. ތިދެމީހުން ލޯބިން ގުޅިގެން އުޅޭކަން އަހަރެންނަށް ނޭނގޭ. ހުރިހާ ކަމެއްވެސްވީ އަހަރެންގެ ދޮންބެގެ ސަބަބުން.. ޒޭބާއާ ބެހޭގޮތުން ދޮންބެ އަހަރެން ގާތު ދެއްކީ ދޮގުވާހަކަތަކެއްގެ ސަބަބުން އެހެންވީ.. އަހަރެން އިޒާންދެކެ ކިތަންމެ ލޯބިވިޔަސް ލޯބިން އުޅުނު ދެމީހުންގެ ދޭތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއްނޫން.. އެކަން އަހަރެން ކުރަން ބޭނުންވި ނަމަ މާކުރިން ސްކޫލް ދައުރުގައި ތިދެމީހުން ރައްޓެހިވެގެން އުޅުނުކަން އެނގުނު ހިނދު އެކަން ކުރީމުސް.. އެތަކެއް އަހަރަކަށްފަހު އިޒާން ފެނުމުން އަހަރެން ހީކުރީ ތިދެމީހުން އުޅެނީ ރުޅިވެގެން ކަމަށް.. އެހެންވެ އަހަރެން އިޒާން ހާސިލް ކުރަން ބޭނުންވީ.. އަހަރެން އެހީމެއްނު އިޒާން ކައިރީ މީހަކާ އިންނަން ގަސްދުކުރަންހޭ.. އެދުވަހު އިޒާންގެ ޖަވާބު އައި ގޮތުން އަހަރެންނަށް އެހެން ހީވީ.. އަހަރެންނަށް ކުރެވުނު ކުށަކީ އިޒާންދެކެ އިންތިހާއަށް ލޯބިވުމާއި ދޮންބެ ކައިރީގައި އެލޯބީގެ ވާޙަކަ ދެކެވުން. އެކަމަށް އަހަރެން އިންތިހާއަށް މާފަށް އެދެން.. ދޮންބެގެ ހަޤީޤަތް އަހަރެންނަށް އެނގުނީ ޒޭބާގެ ފަރާތުން. އޭގެ ކުރިން އެއީ ހިތެއް ނެތް ރަހުމުކުޑަ ނުބައި ނުލަފާ އިންސާނެއްކަން އަހަރެންނަށް ނޭނގޭ. އެނގުނު ހިނދުން އަހަރެން އޭނައަށް ނަފްރަތު ކުރަން ފެށިން. ދުވަހަކުވެސް އޭނައަށް އަހަރެން މާފެއް ނުކުރާނަން.. ދެން އިރާދަކުރެއްވިއްޔާ ތިދެމީހުންނަށް އޮތީ އުފާ ފާގަތު ދުވަސްތަކެއް.. އިތުރަށް ތިދެމީހުންގެ ދެމެދަށް ވަންނާކަށް އަހަރެން ބޭނުމެއްނޫން.. އެހެންވެ ވަރިވާން ކޯޓަށް ފޯމު ލާފައިވާނީ.. އޯލްސޯ އަހަރެންގެ ދޮންބެއާ މެދުވެސް ޖެހިލުންވާކަށް ނުޖެހޭނެ.. ހައްޤު އަދަބު ނުލިބި އޭނާއަށް ޖަލުން ސަލާމަތެއް ނުވެވޭނެކަމުގެ ޔަގީންކަން އަހަރެން ދެން.. ތިދެމީހުން އޭނާ އާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދިނީމަ ނިމުނީ.. އޭރުން ދުނިޔެ އުމުރު އޭނަ ހޭދަ ކުރަން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި… ” ނައުރާ ވާހަކަ މެދުކަނޑައިލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. ހިންދިރުވައިލިގޮތުން ނުރޯން މަސައްކަތް ކުރަނީކަން އަހަރެންނަށް އެނގުނެވެ. ބުނާނެ އެއްޗެއް އަހަރެންނަށް ނޭނގުނެވެ. ހިތްގޮވަމުން ދިޔައީ އޭނަ އެދެއްކި ވާހަކަތައް ޤަބޫލުކުރުމަށެވެ. އޭނާގެ މޫނުމަތިން ދޮގުވެރިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަކަށް ނެތެވެ. މައުސޫމު ކުއްޖަކާ މެދު ކަންތައް ކުރެވުނު ގޮތުން އަހަރެން ދެރަވިއެވެ.

” ވަރީގެ ކަންތައް ނިމުނުހާ އަވަހަކަށް އަހަރެން ފުރައިގެން ދާނަން.. ތިދެމީހުންނާ ވީހާވެސް ދުރަކަށް.. އަހަރެންގެ ސަބަބުން އިޒާންއާއި ޒޭބާ ތަހައްމަލް ކުރަން ޖެހުނު ކަންތައްތަކަށް އަދިވެސް އެއްފަހަރު އަހަރެން މާފަށް އެދެން..” ނައުރާގެ ކެތްތެރިކަން ކޮޅުންލީ ކަންނޭނގެއެވެ. އޭނާ ރޯންފަށައިފިއެވެ. އެހިނދު ނައުރާ ޒޭބާ ގޮސް ނައުރާގެ އަތުގައި ހިފަހައްޓާލައިފިއެވެ.

” ނޫން ނައުރާ.. މިތަނުގައި ތިންވަނަ މީހަކީ އަހަރެން.. ކޮންމެ ގޮތަކަށް ހާލަތު މެދުވެރިވެގެން ނަމަވެސް ތިދެމީހުންގެ ކައިވެނި ކުރެވިއްޖެ.. އަހަރެން ބޭނުންވީ ހަމައެކަނި އިޒާންއަށް މިދަރިފުޅު އޮތް ކަން އަންގައިދޭން.. އަހަރެންގެ ސަބަބުން ތިކައިވެނި ރޫޅޭކަށް ބޭނުމެއް ނޫން.. ” ޒޭބާ ބުންޏެވެ.

” ނޫން.. މިކައިވެނި ސައްޚަ ވާނެ ކަމެއްވެސް އެނގެނީ ކިހިނެއް.. މަޖުބޫރުކޮށް ބިރުދައްކައިގެން ކުރާ ކައިވެނި ސައްޚަވެދާނެތަ؟ އަހަރެންނަށް އަހަރެންގެ ހިއްސާގެ އުފާ ލިބި ނިމުނީ ކަންނޭނގެ.. ބަދަލުހިފަން ނަމަވެސް އިޒާންއާ އެކު އުފަލުގައި ހޭދަވި މަދު ދުވަސްތައް އަހަރެން އަބަދުވެސް ހަނދާން ހުންނާނެ.. އަހަރެންގެ މިނިންމުން ބަދަލެއް ނުވާނެ ޒޭބާ.. ” މިހެން ބުނެ މަޑުނުކޮށް ނައުރާ އެތަނުން ނިކުމެއްޖެއެވެ. ޒޭބާއާއި އަހަރެން އެކަކު އަނެކަކަށް ބަލައިލިއިރު ޒޭބާގެ ދެލޯވެސްވީ ފެންކަޅިވެފައެވެ. އެނދުމަތީގައި އޮތް ކުޑަ ދަރިފުޅު ރޯންފެށީވެސް އެވަގުތުއެވެ. ޒޭބާ ދާން އުޅެނިކޮށް އޭނާ މަޑުކުރުވުމަށްފަހު އަހަރެން ގޮސް އެދަރިފުޅު ނަގައި އުރާލީމެވެ. ފުރަތަމަ ފެނިލުމުންވެސް އިންސާނަކު ދެކެ އިންތިހާއަށް ލޯބިވެވިދާނެކަން އަހަރެންނަށް ޤަބޫލުކުރެވުނީ އެވަގުތުއެވެ. އެކުޑަ ކުޑަ ދަރިފުޅަކީ އަހަރެންގެ ހުރިހާވެސް އެއްޗަކަށްވެ ނިމިއްޖެއެވެ. ހަމަ އެހިނދު ނައުރާ މަތިންވެސް ހިތަށް އެރިއެވެ.

******************

ނައުރާގެ ނަޒަރުން

އެދުވަހަށް ފަހު އަހަރެންނަށް އިޒާން ފެނުނީ ކޯޓުންނެވެ. އޭނާ އަހަރެންނާ ދިމާލަށް ބަލައިވެސް ނުލައެވެ. ކުޑަމިނުން އަހަރެންގެ ހާލު ކިހިނެއްތޯވެސް އަހައިނުލިއެވެ. އަހަރެންގެ ހިތަށް އިންތިހާއަށް ތަދުވިއެވެ. ވަރިވުމަށް އެދޭ ދެމަފިރިން ޣާޒީ ކުރިމަތީގައި އިށީނދެގެން ތިބިއިރު އަހަރެންގެ ހިތް ރޮމުން ދިޔައެވެ. މިއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އެހެނަސް އަހަރެން އެންމެ ލޯބިވާ އިޒާންގެ އުފަލެވެ. އޭނާގެ އުފަލަށްޓަކައި އަހަރެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަމެވެ. އިޒާންގެ ދުލުން ވަރިކޮށްފީމޭ ބުނި ހިނދު އަހަރެންގެ މުޅި ނަފްސު ކުދިކުދިވެދާނެހެން ހީވިއެވެ. ކެތްނުވެ އަހަރެންނަށް ރޮވެން ފެށުމުން އތަނުން ތެދުވެގެން އަހަރެން ދުވަމުން އައީ ބޭރަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އިޒާންގެ އަހަރެންގެ ނަމުން ގޮވައިލައިފިއެވެ. އަހަރެން ހުއްޓުނު ނަމަވެސް އެނބުރި ފަހަތް ބަލައެއް ނުލަމެވެ. އަވަސް އަވަހަށް އަހަރެންގެ ދެލޯ ފޮހެލީ އަހަރެންގެ ހިތްވަރުދެރަކަން އިޒާންއަށް ދައްކަން ބޭނުންނުވާތީއެވެ. އެހެންހުއްޓާ އިޒާން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އަހަރެން އިޒާން އަށް ބަލައިލީމެވެ. އެންމެ ފަހު ފަހަރަށް ބަލައިލާ ފަދައަކުންނެވެ.

” ނައުރާ.. މާފަށް އެދޭނީ ކިހިނެއް ކަމެއްވެސް އަހަރެންނަކަށް ނޭނގޭ.. ވިސްނާ ނުލާ ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން. މިހުރިހާ ދުވަހު ނައުރާއާ މެދު ކަންތައްކުރެވުނު އިހާނެތި ގޮތާ މެދު އަހަރެން މާފަށް އެދެން” ދެއަތް ޖޯޑުކޮށްލަމުން އިޒާން ބުނިއިރު އޭނާ އަހަރެންނާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ.

” އަހަރެން އިޒާންއަށް މާފުކުރިތާ ކިތަންމެ ދުވަހެއް. ” އަހަރެން ބުނީމެވެ. އިޒާން ފުންނޭވައެއް ދޫކޮށްލިއެވެ.

” ނައުރާ ބޭނުމިއްޔާ މިކައިވެނި ރުޖޫއަ ކުރެވިދާނެ.. ޒޭބާ އާ ކައިވެނިކުރިޔަސް މިހާރު އަހަރެން ބޭނުމެއްނުވޭ ނައުރާ ދޫކޮށްލާކަށް.. އައި ޕްރޮމިސް. ނައުރާއަށް ހައްޤު ހުރިހާ ލޯތްބަކާއި ހިތްހަމަޖެހުމެއް ދޭނަން.. ” އިޒާޏްގެ ވާހަކައިން އަހަރެން ހިތްހަމަޖެހުނެވެ. ނަމަވެސް އެގޮތަކީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. ކިތަންމެ ދުވަހެއް ވިޔަސް އިޒާންއަށް އަހަރެންނާއި ޒޭބާ ހަމަހަމައެއް ނުކުރެވޭނެއެވެ. އެއްވެސް ގޮތަކުން އިޒާން ފާފަވެރި ވެދާނެ ކަމެއް ކުރަން އަހަރެން ބޭނުމެއް ނޫނެވެ.

” އަހަރެންނަށް އެނގޭ އިޒާން ތިހެން ތިބުނީ އަހަރެންނާ މެދު ހަމްދަރުދީ ވާތީކަން.. އިޒާން ހާސްނުވޭ. އަހަރެންނަކީ ވަރަށް ހިތްވަރުގަދަ މީހެއް. ދިރިއުޅުމައިގެން ކުރިއަށް ދާން އަހަރެންނަށް އެނގޭ.. ކޮންމެވެސް ދުވަހަކުން މީހަކާ އިނދެގެން އުފާވެރި ދިރިއުޅުމެއް އުޅުމުގެ އުއްމީދު އަހަރެން ކުރަން. އިޒާންވެސް ޒޭބާއާ އެކު އުފާވެރި ދިރިއުޅުމެއް އުޅުން އަހަރެންގެ އުއްމީދަކީ.. ދެން ގޮސްލަނީ އިޒާން.. ގަޑިއެއްހާއިރު ފަހުން ޗެކިން އެބައިން.. ދެން ދިމާވާނެ ކަމެއްވެސް ނޭނގެ. ވަރަށް ހިތްހެޔޮކުރާތި. ޒޭބާއަށް ވަރަށް ސަލާމް. ” މިހެން ބުނެ އަހަރެން އިޒާންއަށް އަހަރެންގެ އަތް ދިއްކޮށްލީމެވެ. އެއަތުގައި ހިފާ އިޒާން ސަލާމްކޮށްލިއެވެ. އަހަރެން އިޒާން ފަސްދީ ދާން ހިނގައިތީމެވެ. ހިތްރޮމުން ދިޔަ ނަމަވެސް ފަހަތަށް އެނބުރި ބަލާކަށް ދެން އަހަރެން ބޭނުމެއް ނޫނެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި ދިމާވި ލޯބީގެ ހާދިސާއެކެވެ. އެކަން އަހަރެން މާޒީއަށް ދޫކޮށްލީއެވެ.

ނިމުނީ…



More from Dhuvas.mv