އެމްޑީޕީގެ ކުރީގެ ހަރުގެ ދަ ޑިމޮކްރޭޓްސްއިން ބޭނުން ކުރަން ފަށައިފި

Mon, 29 May 2023 06:18 PM

View on this article on Dhuvas.mv

އެމްޑީޕީގެ ކުރީގެ ހަރުގެ ދަ ޑިމޮކްރޭޓްސްއިން ބޭނުން ކުރަން ފަށައިފި

އެމްޑީޕީގެ ކުރީގެ މައި ހަރުގެ، އެ ޕާޓީން ވަކިވި މެމްބަރުން އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރޭޓްސް އިން ބޭނުން ކުރަން ފަށައިފި އެވެ.

އާޓިފިޝަލް ބީޗު ކައިރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ބިމަކީ ޝަފިއްޔާ ޒުބައިރުގެ ތަނެކެވެ. އެމްޑީޕީގެ އިސް އެކްޓިވެސްޓެއްގެ ގޮތުގައި އުޅުނު ޝަފިއްޔާ މިހާރު ވަނީ އެ ޕާޓީން ކެނޑި، ދަ ޑިމޮކްރޭޓްސް އާއި ގުޅިފައި އެވެ.

އެ ބިން އެމްޑީޕީ އަތުން އޭނާ އަތުލީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެވެ. އަދި ހުސް ކުރުމަށް ވަގުތު ދިނުމަށް ފަހު އެވެ.

އެކަމަކު އަދިވެސް އެތަނުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސާމާނު އެބަހުއްޓެވެ. ޝަފިއްޔާ ވަނީ އެތަން އެހެން ބަޔަކަށް ކުއްޔަށް ދީފައިވާކަންވެސް މީގެ ކުރިން ހާމަކޮށްފައި އެވެ.

ކުއްޔަށް ދީފައިވަނީ ވިޔަފާރިވެރިޔެއް ކަމަށްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަށެވެ. އޭނާ ވަނީ ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ހަރުގެ ހިންގަން ދަ ޑިމޮކްރެޓްސް އަށް ދީފައެވެ.

ދަ ޑިމޮކްރޭޓްސްއިން މިއަދު ބުނީ އެ ޕާޓީގެ ހަރުގޭގައި މެމްބާޝިޕް ފޯމު ފުރުމުގެ ހަރަކާތްތައް މިއަދު ފަށާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސާމާނުތައް ހަރުގެ ތެރޭގައި ފުންޏަކަށް ޖަހާފައި ހުރި ތަން ފަހަތުން ފެންނަ އިރު ޑިމޮކްރޭޓްސްގެ މެމްބަޝިޕް ފޯމް ފުރުމަށް މޭޒު ޖަހައިގެން ތިބި ފޮޓޯއެއް އާންމުކޮށްފައިވެ އެވެ.

އެމްޑީޕީން ވަނީ އެ ޕާޓީ އަތުން ހަރުގެ އަތުލި މައްސަލަ ސިވިލް ކޯޓަށް ވައްދާފައި އެވެ. އެ ޕާޓީން ބުނެފައިވާ ގޮތުގައި ޝަފިއްޔާ އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން ހަރުގެ ބޭނުން ކުރުމަށް އަނގަބަހުން އެއްބަސްވުމަކަށް އައިސްފައި އޮތް ކަމަށެވެ.

އެހެންވެ ކޯޓަށް މައްސަލަ ހުށަހެޅީ އެ އެންގުން އެހެން ގޮތަކަށް ފަހުން ބަދަލުކުރުމުން ޕާޓީގެ ހައްގުތައް ކަށަވަރުކުރުމަށެވެ.



More from Dhuvas.mv