ވިނަރެސް ފްލެޓު ލިބުނު މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށައިފި

Mon, 29 May 2023 05:58 PM

View on this article on Dhuvas.mv

ވިނަރެސް ފްލެޓު ލިބުނު މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތައް ލިބުނު މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށައިފި އެވެ.

އާބަންކޯއިން ވަނީ ވިނަރެސް ލިބުނު މީހުންނަށް އެއް ފަހަރާ ފައިސާ ދެއްކުމަށާއި މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައި އެވެ. މީގެ ތެރެއިން އެއް ފަހަރާ ފައިސާ ދައްކާ މީހުންނަށް އެމީހަކު ބޭނުން އެޕާޓްމެންޓެއް ހިޔާރު ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

އާބަންކޯއިން ބުނީ އެއްބަސްވުންތަކުގައި ސޮއި ކުރުން އެންމެ ފުރަތަމަ ފެށީ ސީލައިފް ފްލެޓު ލިބި ލަނޑު ލިބުނު މީހުންގެ ތެރެއިން ވިނަރެސް ގަންނަ މީހުންނާއި އެކު ކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް ކުލި ދައްކާ މީހުންއަތުން ޑައުންޕޭމަންޓު ނަގައި، އެއް ފަހަރާ ކުލި ދައްކާ މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރަމުންދާ ކަމަށެވެ.

ސީލައިފް އިން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ވިއްކަނީ، ވިނަރެސް ފްލެޓްތައް އެހެން މީހުންނަށް ވެސް ވިއްކާ އަގުގަ އެވެ. ވިނަރެސް ފްލެޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ސީލައިފް މީހުންނަކީ 2014 ވަނަ އަހަރު އެ ކުންފުނިން ހިންގި ހައުސިން މަޝްރޫއަކުން ފްލެޓު ގަންނަން އެއް ބައި ފައިސާ ދައްކާފައިވަނިކޮށް އެ ފައިސާ އާއި ފްލެޓު ނުލިބުނު މީހުންނެވެ. އެ މައްސަލައިގަ 203 މީހަކު ދައުލަތާއި ދެކޮޅަށް ދައުވާ ކުރުމުން އާބަންކޯއިން ވަނީ ބަދަލުގެ ގޮތުގައި 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ހައުސިން މަޝްރޫއުއަކުން ފްލެޓު ވިއްކަން ނިންމައި ކޯޓުން ބޭރުގައި މައްސަލަ ނިންމާފައި އެވެ.

އާބަންކޯއިން ބުނީ ސީލައިފް މީހުންގެ އިތުރުން ގުޅީފަޅުން ފްލެޓް ލިބުނު މީހުންނާއި އިތުރު މީހުންނާއި އެކު ފްލެޓްތައް ހަވާލު ކުރުމަށް އަންނަ ހަފްތާއިން ފެށިގެން ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހުރެ އެވެ.



More from Dhuvas.mv