ލަސްތަކެއް ނުވެ މުދިމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނަން: ރައީސް

Fri, 26 May 2023 03:36 PM

View on this article on Dhuvas.mv

ލަސްތަކެއް ނުވެ މުދިމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނަން: ރައީސް

ލަސްތަކެއްނުވެ، މުދިމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އެހެން އޮފީސް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ހިލާފަށް މުދިމުންނަކީ ހަފުތާގެ ހަތް ދުވަހު، ޗުއްޓީއެއް ނެތި، އޯވަޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް ކަމަށެވެ.

އަދި  އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން ބަދަލުތަކެއް ލަސްތަކެއްނުވެ ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، އިމާމުން ޑިގްރީ ސަނަދު ހާސިލުކުރުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ވިދާޅުވެ
ރައީސް ޞާލިހް ވިދާޅުވީ ދަސްވެނިވާ ދަރިވަރުން ތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިހުސާސް ކުރެވޭ ކަމަށެވެ. މިގޮތުން ރޭ ދަސްވެނިވުނު ދަރިވަރުންގެ ތެރޭގައި ރައީސް ޞާލިހުގެ އެއްބަނޑު އެއްބަފާ ތިން ބެއިން ކަމަށްވާ ޤުރުއާން ހިތުދަސް، ތިން އިމާމުން ކަމަށްވާ މޫސާ މުހައްމަދު ޞާލިހު (މޫސަބެ)އާއި، ޝާޒްލީ އާއި ހުސެއިން ޝަޔާޒް (ކުޑަ ހުސައިން) ހިމެނެއެވެ.

އިސްލާމިކް ޔުނިވާސިޓީން މި އަހަރު 709 ދަރިވަރުން ދަސްވެނިވިގެން ދިޔައިރު އޭގެ ތެރޭގައި 78 އިމާމުން ވެސް ހިމެނެ އެވެ. އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމަށް މި ސަރުކާރުންވި ވައުދާއެކު އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިމާމުންގެ ޑިގްރީ ޕްރޮގްރާމު ފެށީ 2020 ވަނަ އަހަރު އެވެ.

 



More from Dhuvas.mv