އާމިރު ހާނާއި ސަނާ ޝެއިހް ކައިވެނި ކުރަން އުޅޭކަން ފަޅާ އަރުވާލައިފި!

Thu, 25 May 2023 01:56 PM

View on this article on Dhuvas.mv

އާމިރު ހާނާއި ސަނާ ޝެއިހް ކައިވެނި ކުރަން އުޅޭކަން ފަޅާ އަރުވާލައިފި!

ބޮލީވުޑްގެ ތަރި އާމިރު ހާނާއި އޭނާގެ ފިލްމު “ދަންގާލް” ގެ ތަރި ފާތިމާ ސަނާ ޝެއިހް ކައިވެނި ކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އާމިރު ހާން އާއި އޭނާގެ ދެ ވަނަ އަނބިމީހާ ކިރަން ރާއޯ ވަރިވީ 2021 ވަނަ އަހަރު އެވެ. ދެމީހުން ރުހިގެން ވަރިވުމަށް ފަހު ދެމީހުން ވަނީ ބަޔާނެއް ނެރެ އެއީ ދެމީހުން ބޭނުން ވެގެން އެކުގައި ނިންމި ނިންމުމެއް ކަމަށް ބުނެފައި އެވެ.

އެ ދެމީހުންނަށް ފިރިހެން ދަރިއަކު ލިބިފައިވާއިރު އާމިރުގެ ފުރަތަަމަ އަނބިމީހާ ރީނާ ދުއްތާގެ ކައިވެންޏަށް ދެ ކުދިން ލިބިފައި އެބަތިއްބެވެ.

ކިރަން އާއި އާމިރު ވަކިވި ދުވަސް ވަރުން ފެށިގެން އަދި އޭގެ ކުރިންވެސް އަޑު ފެތުރިފައިވާ ގޮތުގައި އާމިރާއި ސަނާ އާދެމެދު ލޯބީގެ ގުޅުން އޮވެ އެވެ. ފިލްމު ޑައިރެކްޓަރު އަދި އެކްޓަރެއް ކަމަށްވާ ކަމާލް ރާޝިދު ހާން މިއަދު ސޯޝަލް މީޑިއާގައި ބުނީ އާމިރާއި ސަނާ ލޯބީގެ ގޮތުން ގުޅުނީ “ދަންގާލް” ގެ ޝޫޓިން ތެރެއިން ކަމަށެވެ.

ފިލްމު “ދަންގާލް” ރިލީޒް ކުރީ 2016 ވަނަ އަހަރު އެވެ.

ކަމާލް ބުނީ އާމިރުގެ ދަރިފުޅު އީރާ ހާން އާއި އެއް އުމުރެއްގެ ސަނާ އާއި އާމިރު ކައިވެނި ވަރަށް އަވަހަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދެމީހުންގެ މެދުގައި ގުޅުމެއް އޮތް ކަމަށް ބުނެ ފުރަތަމަ އަޑު ފެތުރުނީ ކަރަން ޖޯހަރުގެ މަޝްހޫރު ޝޯ “ކޮފީ ވިތް ކަރަން” އަށް ދެމީހުން އެކުގައި އެރުމުންނެވެ. އޭގެ ފަހުން ހަމަ އެކަނި ދެ ފަރާތު އާއިލާ ބައިވެރިވި ކަމަށް ބުނާ އީރާގެ އެންގޭޖްމެންޓް ހަފްލާގައިވެސް އާމިރާ އެކު ސަނާ ގޮސް ހުއްޓެވެ.

އަދި އެ ހަފްލާގައި އާމިރުގެ މަންމަ އާއި ތިން ދަރިންނާއި އީރާ ކައިވެނި ކުރަން އުޅޭ ފިރިހެން މީހާ އާއި އެކު ވަރަށް ގާތްކޮށް ސަނާ ފޮޓޯ ނަގާފައި ހުއްޓެވެ.

މިހާތަނަށްވެސް ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން ކުރި އެއްވެސް ސުވާލަކަށް އާމިރު އަދި ސަނާ ޖަވާބު ދީފައިއެއް ނުވެ އެވެ.



More from Dhuvas.mv