ރޯދަ އާއި އަޅުކަން : ނަމާދު ޖަމާޢަތުގައި ކުރުމުގެ މުހިންމުކަން

Sat, 25 Mar 2023 05:00 PM

View on this article on Dhuvas.mv

ރޯދަ އާއި އަޅުކަން : ނަމާދު ޖަމާޢަތުގައި ކުރުމުގެ މުހިންމުކަން

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އަދި އެދީނުގެ އެންމެ މުހިންމު ރުކުނެވެ. އެގޮތުން ފިރިހެނުން ނަމާދު ކުރުން ޝަރުޢުވެގެންވަނީ މިސްކިތުގައެވެ. އެއީ ޝަރުޢީ އުޒުރެއް މެދުވެރިނުވާހާ ހިނދަކުއެވެ. އެކަމުގައި ވަރަށްބޮޑު މާތްކަން އެކުލެވިގެންވެއެވެ. ފިރިހެނުން މިސްކިތްތަކުގައި ނަމާދުކުރުމާއި އަދި ޖަމާޢަތުގައި ނަމާދުކުރުމުގެ މާތްކަން އަޅުގަނޑުމެންނަށް އެނގެން އެބަޖެހެއެވެ.

އަހަރެމެންގެ ތެރެއިން މަދުން ނަމަވެސް މިސްކިތު ޖަމާޢަތަށް ނުގޮސް ގޭގައި ނުވަތަ އެހެންވެސް ތަނެއްގައި ނަމާދު ކުރާމީހުން މަދެއް ނޫނެވެ. މިއީ ފިރިހެނުންނަށް ނަމާދު ކުރުން ހުއްދަވާނޭ ގޮތެއް ނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ފިރިހެނުންނަށް އޮތީ ބަންގީގެ އަޑު އިވޭ ހިނދު ފިރުކިފަވިޔަސް މިސްކިތަށް ގޮސް ނަމާދު ކުރުމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(صَلَاةَ الْجَمَاعَةِ أَفْضَلُ مِنْ صَلَاةِ الْفَذِّ بِسَبْعَةٍ وَعِشْرِينَ دَرَجَةً) رواه البخاري ومسلم.

މާނައީ: “އެކަހެރިކޮށް ކުރެ ކުރާ ނަމާދުގެ 27 ދަރަޖަ އިތުރަށް ޖަމާޢަތުގައި ކުރާ ނަމާދުގެ ހެޔޮކަން އިތުރުވެގެންވެއެވެ.”

މިޙަދީޘުން ޖަމާޢަތުގައި ނަމާދު ކުރުމުން ނަމާދުގެ ސަވާބު އެތައްގުނައަކަށް އިތުރުވެގެންދާކަން އެބައެނގެއެވެ. އެހެންކަމުން ޖަމާޢަތުގައި ނަމާދުގެ މައްޗަށް ރައްކާތެރިވާން އެބަޖެހެއެވެ.

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ مَشَى إِلَى بَيْتٍ مَنْ بُيُوتِ اللهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ، كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً، وَالْأُخْرَى تَرْفَعُ دَرَجَةً) رواه مسلم.

މާނައީ: “ގެއިން ތާހިރުވެ، އަދި ﷲގެ ގެކޮޅުތަކުގެ ތެރޭން ގެކޮޅަކަށް(މިސްކިތަށް) ފަރުޟު (ނަމާދު)ތަކުގެ ތެރޭން ފަރުޟެއް އަދާކުރަން ހިނގާފައިދިޔުމުން، އެމީހެއްގެ ފިޔަވަޅުތަކުގެ ތެރޭން އެއްފިޔަވަޅު ފާފަ ފުހެދޭއިރު، އަނެއްފިޔަވަޅު އޭނާގެ ދަރަޖަ އުފުއްލައި ދެއެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ) رواه مسلم.

މާނައީ: ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ ފަހެ ރޭގަނޑުގެ ދެބައިކޮށްފައި އެއްބައިގައި ނަމާދުކުރިފަދައެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ (ސަވާބުގެ ގޮތުން) މުޅިރޭ އަޅުކަން ކުރިފަދައެވެ.”

އަދިވެސް އެތައް ނައްޞުތަކެއްގައި ޖަމާޢަތުގެ ނަމާދު ކުރުމުގެ މާތްކަމާއި ބެހޭގޮތުން ބަސްފުޅު އައިސްފައިވެއެވެ. މިއީ އަޅުގަނޑުމެން ފިރިހެނުން މިކަމަށް ސަމާލުކަންދީ ރައްކާތެރިވާން ޖެހޭކަމެކެވެ. އެހެނީ ނަމާދަކީ އެއަޅުކަމެއް ރަނގަޅުވެއްޖެނަމަ އަޅުގަނޑުމެންގެ ހުރިހާ ޢަމަލެއް ރަނގަޅުވެގެންދާ އަޅުކަމެވެ. އަދި އެކަން ބާޠިލުވެއްޖެނަމަ ހުރިހާ އަޅުކަމެއް ބާޠިލުވެގެންވެސް ދެއެވެ.

 

މި ލިޔުމަށް މަޢުލޫމާތު ނެގީ އައްޝައިޚް އަބްދުއްރަޙީމް ބިން މުޙައްމަދު ލިޔުއްވާފައިވާ ޖަމާއަތުގައި ނަމާދުކުރުމުގެ މާތްކަން، މި ލިޔުމުންނެވެ.



More from Dhuvas.mv