ތުރުކީއާއި ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް އަތުވި ރެކްޓަރ މިންގަޑުން 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ 'ފަންޑް ރެއިޒިންގ' އިވެންޓަށް އިއްޔެ އެކަނި 1.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކާއި 'އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން' ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް އިއްޔެވަނީ މާލެ ސިޓީގެ އެކި އަވަށްތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި ހުޅުލޭގެ މިސްކިތްތަކުގައިވަނީ ފަންޑުފޮށިތައް ބަހައްޓާފައެވެ. މީގެ އިތުރުންވެސް މާލެއާއި ހުޅުމާލޭގެ ޢާންމުން އެއްވެ އުޅޭ އެހެނިހެން ތަންތާނގައިވެސްވަނީ ފަންޑުފޮށިތައް ބަހައްޓާފައެވެ.
މިހަރަކާތް މާލެ ސިޓީގެ އިތުރުން އެހެނިހެން އަތޮޅުތެރޭގެ ބައެއް ރަށްތަކުގައިވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.
ތުރުކީވިލާތާއި ސޫރިޔާއަށް އަތުވި ބާރުގަދަ ބިންހެލުމާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު 41،000 ފަހަނައަޅާގޮސްފައިވާއިރު މިއީ ފަހުގެ ތާރީޚުގައި އެސަރަހައްދަށް ކުރިމަތިވި އެންމެ ބޮޑު ޤުދުރަތީ ކާރިޘާއެވެ. ތުރުކީ ސަރަހައްދަކީ ބިންހެލުން ޢާންމު ސަރަހައްދަކަށްވީއިރު މީގެ ކުރިން ބިންހެލުމެއްގައި އެންމެ ގިނަ މީހުން ތުރުކީން މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ 1939 ވަނަ އަހަރު ތުރުކީގެ 'އެރްޒިންކަން' ސަރަހައްދަށް އައި ބިންހެލުމެވެ. މި ބިންހެލުމުގައި ޖުމްލަ 33،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
ތުރުކީއާއި ސޫރިޔާއަށް އަތުވި މިބިންހެލުމުގައި މުސްލިމް އުއްމަތުގެ އެންމެހާ ފަރުދުން ބައިވެރިވެ ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދީނީ ޢިލްމުވެރިން އަންނަނީ ގޮވާލަމުންނެވެ.
The post 'އެއް އުއްމަތެކޭ މިއީ' ކެމްޕެއިން : މާލެ ސަރަހައްދުން އިއްޔެ އެކަނި 1 މިލިއަނަށްވުރެ ގިނަ ރުފިޔާ first appeared on Dhiislam.