ޙަޤީޤީ ވާހަކަ - ﷲ އަށް ވަކީލުކުރި މިޞްރު އަންހެނަކަށް އެއިލާހުގެ ރަޙްމަތް ލިބުނު ގޮތް

Sat, 18 Feb 2023 01:26 AM

View on this article on DhiIslam

ޙަޤީޤީ ވާހަކަ - ﷲ އަށް ވަކީލުކުރި މިޞްރު އަންހެނަކަށް އެއިލާހުގެ ރަޙްމަތް ލިބުނު ގޮތް

މިއީ މިޞްރުގެ މަންޞޫރާގައި ހިނގައިދިޔަ ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.

އޭނާ ކިޔައިދިނެވެ. އަހަރެންނަކީ މިޞްރުގެ މަންޞޫރާގައި ދިރިއުޅެމުން އައި ވަރަށް ފަޤީރު އަންހެނަކީމެވެ. އާދައިގެމަތީން ދުވަސްތައް ވޭތިކުރަމުން ދަނިކޮށް އަަހަރެންގެ ފިރިމީހާ ދަތުރެއްގައި އަވަށުން ބޭރަށް ދާންޖެހުނެވެ. ފިރިމީހާ ދިޔަފަހުން އަަހަރެމެންގެ އަންހެން ދަރިފުޅަށް ބަލިމަޑުކަމެއް އިޙްސާސްކުރަން ޖެހުނެވެ. އެތުއްތު ދަރިފުޅުގެ ޙަޔާތުގައި ކުރިން އިޙްސާސްކުރެވިފައިނުވާފަދަ ތަދުތައް އިޙްސާސްކުރެވެމުންދާކަން ބުނަމުންދިޔައެވެ. ނަމަވެސް އެތުއްތު ދަރިފުޅުގެ ކެކުޅުންތަކާއި ކުރުކުރުލުން އަޑު އެހުންނޫނީ އެހެންކަމެއް މިމަންމައަށް ކުރެވޭކަށްނެތެވެ. އެހެނީ އަހަރެމެންނީ ފަޤީރުންނެވެ. އަތުގައި ބޭނުންކޮށްލާނޭ ފައިސާއެއްނެތެވެ. އަދި ކިއެއް ހެއްޔެވެ؟ ހައިހޫނުކަން ފިލުވާނޭ ގޮތެއްވެސް ނެތެވެ. އެހެންނަމަވެސް ޢާލަމްތަކުގެ ވެރި ރައްބާމެދު އޮންނަ ޔަޤީންކަން އަހަރެންގެ ހިތުގައި ބޭއްވޭތޯ އަބަދުވެސް ބަލަމެވެ.

ކޮންމެއަކަސް އަހަރެންގެ މަޖުބޫރީ ޙާލަތު ދަރިފުޅަށް ބަޔާންކޮށްދެމުން ﷲ ގެ ޙަޟްރަތަށް ދެ ރަކުޢަތުގެ ނަމާދެއްކޮށް އެއިލާހުގައި ޙަޟްރަތުގައި އެދި ދަންނަވަމެވެ. އެއަށްފަހު ބަލިޙާލުގައި އޮތް ދަރިފުޅުގެ ގާތަށް ޖެހިލަމެވެ. އެތުއްތު ފުރާނަ އެވެނިމިވެނި ވާހަކައަކުން މަސަލަސްކުރުމަށްފަހު އަނެއްކާވެސް ﷲ އަށް އެދި ދަންނަވަމުން ދިޔައީމެވެ. ހަމަ ދެ ރަކުޢަތުގެ ނަމާދެއްކުރުމަށްފަހު އެއިލާހުގެ ޙަޟްރަތުގައި ދެއަތް އުފުލާ މިއަޅާގެ މަޖުބޫރީ ޙާލަތު ބަޔާންކުރަމުންނެވެ. މިގޮތުގައި އެތައް އިރެއް ފާއިތުވަމުންގޮސް މެންދަމު 1 ޖަހައިފިއެވެ. ހަމަ ކުއްލިއަކަށް .... ޓޮއް. ޓޮއް. ޓޮއް. ދޮރުގައި މީހަކު ޖަހާލިހެން ހީވިއެވެ. މާބޮޑު ސަމާލުކަމެއްނުދީ ހިމޭނުން ހުއްޓައި އަނެއްކާވެސް ދެތިން ފަހަރަކު ދޮރުގައި ޓަކި ޖަހާލައިފިއެވެ. ބިރުހުންހުރެ ތިބާ ތިއީ ކާކުތޯ އަހާލީމެވެ. " ޑަކްޓަރު. މިއީ ޑަކްޓަރު" ޖަވާބުގައި ބުންޏެވެ. އަވަސް އަވަހަށް ބުރުގާ އަޅައި ނިވާވެގެންގޮސް ދޮރު ހުޅުވާލީމެވެ. އެއާއެކު އަންހެން ދަރިފުޅު ކޮބައިތޯ ސުވާލުކުރިއެވެ؟ އަހަރެން ކޮޓަރީގައޭ ބުނުމާއެކު ހަލުވި ދުވެއްޔެއްގައި ކޮޓަރިއަށް ވަނެވެ. އަދި ބަލީގެ ވޭންވަރުގައި ކުރުކުރުލައްވަމުންދިޔަ އަހަރެންގެ ދަރިފުޅުގެ ގާތަށް ގޮސް ބަލަން ފަށައިފިއެވެ.

ދަރިފުޅުގެ ޙާލާމެދު ކަންބޮޑުވެފައިހުރިލެއް ބޮޑުކަމުން ޑަކްޓަރާ އެއްވެސް ސުވާލެއްކުރާންވެސް ހިތަކަށްނޭރިއެވެ. ކޮންމެއަކަސް ދަރިފުޅަށް ބޭސް ލިޔެދީ ބޭސް ސިޓީ އަހަރެންގެ އަތަށް ދިނުމަށްފަހު ޑަކްޓަރު ނިކުންނާން ހިނގައިގަތެވެ. އަދި ބުންޏެވެ. " އަހަރެންގެ އަގު ކޮބައިހެއްޔެވެ؟"  އަހަރެންނަށް ރޮވުނެވެ. އަދި ބޭއިޚްތިޔާރުގައި ބުނެވުނެވެ. އަހަރެން އަތުގައި ތިބާއަށް ދޭނެ އެއްވެސް އެއްޗެއް ނެތެވެ. މިހެން ބުނުމާއެކު ޑަކްޓަރު ބުންޏެވެ. "ކަލޭގެ ކިބައިގައި ލަދުގެ ކަންފުޅެއްވެސް ނެތީހެވެ؟ މިދަންވަރު އަހަރެންނަށް ގުޅައި އަންނަން ބުނީ ކީއްވެގެންހެއްޔެވެ؟"

ޑަކްޓަރުގެ މިވާހަކައިން އަހަރެންނަށް އިތުރު ހައިރާންކަމެއް ލިބިއްޖެއެވެ. އަދި ބުނީމެވެ. "އަހަންނެއް ތިބާއަކަށް ނުގުޅަމެވެ. އަދި ކިއެއްހެއްޔެވެ؟ އަހަރެން އަތުގައި މޯބައިލް ފޯނެއްވެސް ނެތެވެ." ހައިރާންކަމާއެކު ޑަކްޓަރުވެސް އަހަރެންނަށް ބަލާލިއެވެ. އަދި ބުންޏެވެ. "ތިބާ ތިބުނަނީ އަހަންނަަކަށް ނުގުޅަމޭ، އެހެންވިއްޔާ މިއީ އެވެނިމިވެނި ނަންބަރު ގެއެއްނޫންހެއްޔެވެ؟"

އަހަރެން ބުނީމެވެ. "ނޫން، ތިއީ ކުރިމަތީގައި ތިޔަހުރި ގެއެވެ."

އަހަރެން މިހެން ބުނުމާއެކު ޑަކްޓަރުގެ ދެލޮލުން ކަރުނަ ހިލިގަތެވެ. އަދި އަޖައިބުކުރުވަނިވި ގޮތަކަށް ބުނެލިއެވެ. ﷲ ގަންދީ ބުނަމެވެ. މިއީ ﷲ ގެ މޮޅު ރޭއްވެވުންތެރިކަންމެނުވީ ނުވެއެވެ. ތިބާ ތިޔައީ ކާކު ހެއްޔެވެ؟ ތިބާގެ ވާހަކައިން އަހަންނަށް ޚަބަރުކުރާށެވެ. އަހަރެން އަހަރެންގެ ވާހަކަ ކިޔައިދިނުމާއެކު އަހަރެންގެ ދަރިފުޅަށް ބޭހާއި ކެއުމަށް ބޭނުންވާ ތަކެތި އަދި އެއްމަސް ދުވަހަށް ބޭނުންވާނޭ ވަރަށް ފައިސާވެސް ދިނުމަށްފަހު ޑަކްޓަރު ނިކުމެގެން ހިނގައްޖެއެވެ.

އެކުވެރިންނޭވެ! އަހަރެންގެ މި ވާހަކަ ތިޔަ އެކުވެރީންނާއި މި ހިއްސާކުރަނީ އަހަރެންގެ  ވާހަކައިން ޢިބުރަތެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ﷲ ގަންދީ ބުނަމެވެ. ކެތްތެރިކަމާއި ނަމާދުން ވާގި ލިބިގަނެ ﷲ އަށް ވަކީލުކުރާށެވެ. އެއިލާހީ އެއިލާހަށް އިޚްލާޞްތެރިކަމާއެކު ދަންނަވާ އަޅުންނާއެކު ވޮޑިގެންވާ އިލާހެވެ. އެއިލާހު ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ފަދައިންނެވެ. "އަދި ﷲ އަށް ތަޤްވާވެރި މީހާ ދަންނާށެވެ! އޭނާއަށް ނިކުންނާނޭ މަގެއް ތިމަންއިލާހު ދައްކަވާހުށީމެވެ."

 

The post ޙަޤީޤީ ވާހަކަ - ﷲ އަށް ވަކީލުކުރި މިޞްރު އަންހެނަކަށް އެއިލާހުގެ ރަޙްމަތް ލިބުނު ގޮތް first appeared on Dhiislam.


More from DhiIslam

...