މިހިނގާ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ ގަޑިން ފަތިހު 4:17 ގައި ތުރުކީއާއި ސީރިޔާގެ ބައެއް ޞަރަޙައްދުތަކަށް އަތުވި ބާރުގަދަ ބިންހެލުންތަކަށްފަހު ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ' އެއް އުއްމަތެކޭ މިއީ' ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއް ފަށައިފިއެވެ.
މިކެމްޕެއިނަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި މަދަނީ އެންމެހާ ޖަމާޢަތްތަކާއި ރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔޭގެ އެކި ހަރަކާތްތަކުގައި ޙަރަކާތްތެރިވަމުން އަންނަ ދިވެހި ޖަމިއްޔާއެއްކަމަށްވާ ' އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން' އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކެމްޕެއިނެކެވެ.
މިކެމްޕެއިން އިފްތިތާޙްކުރުމަށް މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް އޮގަނައިޒޭޝަން ފޮރ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރަޢީސް ދުކްތޫރް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ޙާލުގައި ޖެހިފައިވާ އެ ދެޤައުމުގެ ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއްކަމަށެވެ. އަދި މިފަދަ ޙާލަތްތަކުގައި ރާއްޖޭގެ ރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމަކީ ޝުކުރާއި ތަޢުރީފާއި އެކުގައި ރަން އަކުުރުން ލިޔެވޭނެ ވާހަކައެއްކަމަށެވެ.
މިކެމްޕެއިންގެ ދަށުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައްޔާއި ޢާންމުކޮށް މީހުން އެއްވެއުޅޭ ތަންތާގައިވެސް ފަންޑުފޮށި ބަހައްޓާނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ އެންމެހާ ޖަމިއްޔާތަކާއި ޖަމާޢަތްތަކުން އެރަށްރަށުގައިވެސް މި ކެމްޕެއިންކުރިއަށް ގެންދިއުމަށް ޢިލްމުވެރިންވަނީ އެދިލައްވާފައެވެ.
އައި.އޭ.ސީ އިން ތުރުކީ އާއި ސީރިޔާއަށް އެހީވުމަށް ހުޅުވާލާފައިވާ އެމަރޖެންސީ ފަންޑަށް މިހާތަނަށް 4 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާވަނީ ލިބިފައެވެ.
ތުރުކީއާއި ސީރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތައް މިމަހުގެ 6 ވަނަ ދުވަހު އަތުވި ބާރުގަދަ ބިންހެލުމާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 41،000 އިން މައްޗަށް އަރައިފައެވެ.
The post 'އެއް އުއްމަތެކޭ މިއީ' ގެ ނަމުގައި ތުރުކީއާއި ސީރިޔާއަށް އެހީވުމަށް ޚާއްޞަ ކެމްޕެއިނެއް first appeared on Dhiislam.