މިސްކިތްތަކުގެ މަރާމާތައް 19 މިލިއަން ރުފިޔާ ހަރަދުކޮށްފި

Thu, 09 May 2024 09:49 AM

View on this article on DhiDaily

މިސްކިތްތަކުގެ މަރާމާތައް 19 މިލިއަން ރުފިޔާ ހަރަދުކޮށްފި

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ހަމައެކަނި މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.



އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް ހޭދަކުރި 19 މިލިއަން ރުފިޔާގެ ތެރެއިން 15 މިލިއަން ރުފިޔާ ހޭދަ ކުރީ ސަރުކާރުގެ ބަޖެޓުން ކަމަށާއި އަނެއް ހަތަރު މިލިއަން ރުފިޔާ ހޭދަކުރީ މިސްކިތު ފަންޑުން ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގާތްގަނޑަކަށް 27 މިލިއަން ރުފިޔާގެ ބިލްތައް ކުންފުނިތަކަށް ނުދައްކާ ހުރި ކަމަށާއި ނަމަވެސް އެ ހުރިހާ ފައިސާއެއް މިހާރު ހަލާސް ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވަނީ އިގްތިސާދީ ގޮތުން މިއީ ރާއްޖެ އަށް ދަތި ދުވަސްވަރެއް ނަމަވެސް މިސްކިތްތައް މަރާމާތު ކުރުމާއި ބެލެހެއްޓުމަށް މި ސަރުކާރުން މުހިންމު އަހަންމިއްޔަތެއް ދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް އެކުލަވާލާފައިވާއިރު، އޭގެ މަގުސަދަކީ މިސްކިތްތަކުގެ ހާލަތު މެދުނުކެނޑި އަބަދުވެސް ބަލަމުން ދިއުމާއި މިސްކިތުގެ ބޭނުން ހިފަމުން އަންނަނީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލައި ދިރާސާ ކުރުމެވެ.



More from DhiDaily