މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

Tue, 07 May 2024 02:19 PM

View on this article on DhiDaily

މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ދާއިރާގެ ރައްޔިތުންގެ ވޯޓަކުން މެންބަރު މަގާމުން ވަކިކުރެވޭނެ ގޮތަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންގޮސްފިއެވެ.



ޤާނޫނުއަސާސީއަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސާތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މެންބަރު ހަސަން ލަތީފް ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ބިލު އަނބުރާ ގެންގޮސްފައިވާ ކަމަށާއި، އެހެންކަމުން އެކަން މަޖިލީހުގައި އިއުލާނު ކުރާ ކަމަށެވެ.

ހަސަން ލަތީފް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވާނެ ހާލަތުތައް ބަޔާންކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުގައި ބުނެފައިވަނީ، ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އެނޫން ސަބަބަކަށްޓަކައި ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތުގައި، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަޤާމުން ވަކިކުރުމަށް ނިންމުމުންވެސް މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މީގެއިތުރުން ދާއިރާގެ ރައްޔިތުން ހުށަހަޅާ ޕެޓިޝަނަކުން، ރައްޔިތުންގެ އާންމު ވޯޓެއް ނަގައިގެންވެސް މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މެންބަރަކު މަގާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ޖުމުލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމުމުން ގޮނޑި ގެއްލޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.



More from DhiDaily