މެއި 06 ގެ ހަމަލާއަށްފަހު އިންސާފު ގާއިމު ނުކުރެވި 3 އަހަރުވެފައިވާތީ ޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފި

Mon, 06 May 2024 12:29 PM

View on this article on DhiDaily

މެއި 06 ގެ ހަމަލާއަށްފަހު އިންސާފު ގާއިމު ނުކުރެވި 3 އަހަރުވެފައިވާތީ ޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަށްފަހު އިންސާފު ގާއިމު ނުކުރެވި 3 އަހަރު ފުރުން ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފިއެވެ.



ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ 2021 މެއި 06 ގައެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދަކީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް އިންތިހާބުކުރެވުނު ރައީސްކަމަށްވާ ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލުމަށް ބޮމުގެ ޓެރަރިސްޓް ހަމަލާއެއް ދިން ހާދިސާއަށް 3 އަހަރު ފުރޭ ދުވަސް ކަމަށެވެ. އެ މައްސަލާގައި މިއަދާ ހަމައަށް އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ އެކަމާމެދު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީން ބުނީ ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދުރާލާ ރާވައިގެން މިވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމީ މި ޕާޓީން ކަންބޮޑުވާ އަދި ކުށްވެރިކުރާ އެއްކަން ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 3 ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން ތަކުރާރުކޮށް ކުށްވެރިކުރާ ކަމަށެވެ.

“ރައީސް މުޙައްމަދު ނަޝީދަށް އެ ބޮމުގެ ޓެރަރިސްޓް ހަމަލާދިނުމުގައި އެގޮތަށް ކަންހިނގާފައިވާއިރު އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ, ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި, އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް. އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި ”ނޯމަލައިޒް“ ކުރުމުގެ އަމަލެއްކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކެން“

ޑިމޮކްރެޓްސްއިން ވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ އޭގެ އެންމެ ފުންމިނަށް ބަލައި އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.



More from DhiDaily