ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ

Sat, 04 May 2024 03:39 PM

View on this article on DhiDaily

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ

މީ ގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ބޭނުން ކުރަމުން އަންނަ މާލޭގެ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.



ދާދި ފަހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުގެ ތެރޭގައި މިސްކިތް ރަސްމީކޮށް ހުޅުވުމުގެ މަަޝްވަރާތައް ސައުދީ ސަރުކާރާ އެކީ ކުރެއްވި ކަމަށް މިނިސްޓަރުގެ ދަތުރަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

އެގޮތުން ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަން ބާއްވާ ރަސްމިއްޔާތަށް ހަރަމްފުޅުގެ އިމާމެއް ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މިސްކިތް ރަސްމީކޮށް ހުޅުވާނެ އިރެއް ވިދާޅެއް ނުވެ އެވެ.

ސަލްމާން މިސްކިތް ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ ރޯދަ މަހާ އެކީގަ އެވެ.

ކިންގް ސަލްމާން މިސްކިތަކީ ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ.

މިއީ މިހާރު މާލޭގައި ހުރި އިސްލާމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ވެސް މެ އެވެ. އެއްފަހަރާ 4،000 އެއްހާ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ ސަލްމާން މިސްކިތަކީ ގިނަ ކަންކަމަށް ބޭނުން ވެސް ހިފޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ ފުރަތަމަ އާއި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ.

މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ.

މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަާޕަސް ހޯލެއްގެ ގޮތުގައެވެ.



More from DhiDaily