ޔާމީންގެ އެއް ހުކުމް ބާތިލުކޮށް، އަލުން ބަލަން އަމުރުކޮށްފި

Thu, 18 Apr 2024 07:09 PM

View on this article on DhiDaily

ޔާމީންގެ އެއް ހުކުމް ބާތިލުކޮށް، އަލުން ބަލަން އަމުރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމްގެ ބައި ހައި ކޯޓުން ބާތިލުކޮށްފި އެވެ.



ADVERTISEMENT

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލާފަ އެވެ.

މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމުގައި ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރި ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލުކޮށް، އެ ގަޒިއްޔާގައި ޔާމީންގެ މައްޗަށް ހުށަހެޅުނު ދައުވާ ބައެއް ކަންކަމުގެ އަލީގައި އަލުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން އަންގާ ކަމަށެވެ.

ޔާމީންގެ މައްޗަށް ދެން ސާބިތުވި މަނީލޯންޑަރިންގެ ކުށުގައި ދަށު ކޯޓުން އިއްވާފައި ވަނީ ހަތް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެކެވެ. އެ ދައުވާގެ ހުކުމް ވެސް މިރޭ އިއްވާނެ އެވެ.

މިއީ ދަށު ކޯޓަކުން ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމެއް މަތީ މަރުހަލާ ކޯޓަކުން ބާތިލުކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ފަހަރު އިއްވި ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ



More from DhiDaily