ފުލުހަށް ހާޒިރުކުރީ އަނިޔާވެރިވާ މަންޒަރު ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން: ފައްޔާޟް

Thu, 28 Mar 2024 09:29 PM

View on this article on DhiDaily

ފުލުހަށް ހާޒިރުކުރީ އަނިޔާވެރިވާ މަންޒަރު ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން: ފައްޔާޟް

ފުލުހަށް އޭނާ ހާޒިރުކުރީ އޭނާއަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.



މިދިޔަ ސަރުކާރުގައި އާރްޑީސީއިން ހިންގި ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ފައްޔާޟް މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ފުލުހުން އޭނާއަށް ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުން އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެެރިވެފައިވާ މައްސަލާގައި އާރްޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޟަށް މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވެއެވެ.

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟް ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށާއި މައުލޫމާތު ސާފުކުރަންކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ. އަދި އެ މައުލޫމާތުތަކަކީ އޭނާގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި އާންމުވެސް ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

“މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އަޅުގަނޑަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން.“ ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޟް ވިދާޅުވީ ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް ކަމަށާއި އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.



More from DhiDaily