ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ދާއިމީ އޮފީހެއް ލިބިއްޖެ

Tue, 27 Dec 2022 05:29 PM

View on this article on DhiDaily

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ދާއިމީ އޮފީހެއް ލިބިއްޖެ

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ މަސައްކަތްތައް ހަރުދަނާކޮށް، އެއޮތޯރިޓީ ހިންގުމަށް ސަރުކާރުން ބިމެއް ހަމަޖައްސަވައިފިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، މި ބިމަކީ މަސައްކަތުގެ މުހިންމުކަމަށް އިސްކަން ދެއްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމަށް ހަމަޖައްސަވައިދެއްވި ބިމެއްކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓްގެ ދާއިމީ އޮފީސް ޤާއިމުކުރުމަށް ބިން ހަމަޖައްސާފައިވަނީ ހުޅުމާލެއިންނެވެ. އެއީ ކޯވިޑް ވިލެޖް ހިންގި، ހުޅުމާލޭ ޓްރިޓޮޕް ހޮސްޕިޓަލް ކުރިމަތިން އޮތް ބިމެވެ. ހިސާން ވިދާޅުވީ އެންޑީއެމްއޭއަށް ހަމަޖައްސައިދެއްވާފައިވަނީ 39000 އަކަފޫޓުގެ ބިމެއްކަމަށެވެ.

އެންޑިއެމްއޭގެ މަސައްކަތްތައް މިހާތަނަށްވެސް ހިންގަމުންއައީ ވަރަށް ދަތި އުނދަގުލުގައިކަމަށެވެ. އެކަށީގެންވާ ޖާގަ ނެތުމާއި، އެއްތަނުން އަނެއްތަނަށް އޮފީސް ބަދަލުކުރަންޖެހުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވި ބިމާއެކު، މި މައްސަލައަށް ދާއިމީ ހައްލެއް ލިބި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

”ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކޮށް، ގާތުން މަސައްކަތް ކުރުމަށް ލިބޭ އިތުރު ފުރުޞަތެއް މިއީ. އަދި ދެމެހެއްޓެނިވި ޕްރޮފެޝަނަލް ޚިދުމަތެއް ދިނުމަށް މަގުފަހިވާނެ. މިއީ ރައީސްގެ އިސްނެންގެވުމަށް ކޮށްދެއްވި ވަރަށް މުހިންމު މަސައްކަތެއް.“ ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވި މިހާރު ކުރިއަށްދަނީ، އެންޑީއެމްއޭގެ ނަންމައްޗަށް ބިން ބަދަލުކުރުމުގެ މަސައްކަތްކަމަށެވެ. ޢަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ޕްރޮޖެކްޓާއެކު ޚިދުމަތްތަކަށް ބޮޑު ބަދަލެއް ގެނައުން ކަމަށް ހިސާން ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އުފައްދާފައިވަނީ ސުނާމީއާއި ގުޅިގެން 2004ވަނަ އަހަރުއެވެ. އޭގެފަހުން 2018ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ، އެ ސެންޓަރު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބަދަލުކުރައްވާ ޤާނޫނީ ބާރުވެރިކަން ދީފައެވެ.

މިއޮތޯރިޓީ އުފެއްދުމުގެ ބޭނުމަކީ، ކާރިސާތަކުގައި ލިބޭ ގެއްލުމަށް ހުރި ހިރާސްތައް ކުޑަކޮށް، އެފަދަ ޙާލަތެއް ކުރިމަތިވާ ހާލަތުގައި އަވަސް ފިޔަވަޅުއެޅުމުގެ އިންތިޒާމްތައް ހަމަޖެއްސުމެވެ. އަދި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި، ކާރިސާގެ ހާލަތްތަކުގައި އާއްމުން އަމަލުކުރާނެ ގޮތްތަކަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރުމެވެ.



More from DhiDaily