ކްރޮސްރޯޑްސްގެ އައު ޓިކެޓިންގ ލައުންޖް ހުޅުވައިފި

Tue, 27 Dec 2022 03:09 PM

View on this article on DhiDaily

ކްރޮސްރޯޑްސްގެ އައު ޓިކެޓިންގ ލައުންޖް ހުޅުވައިފި

ރާއްޖޭގެ އާޓިސްޓުންގެ ކުރެހުންތަކާއެކު، މާލެ އާޓް ގެލަރީގައި ކްރޮސްރޯޑްސް މޯލްޑިވްސްގެ އައު ޓިކެޓިން ލައުންޖް ހުޅުވައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ އައު ޓިކެޓިން ލައުންޖު ރަސްމީކޮށް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްއާއި ކްރޮސްރޯޑްސް މެރީނާގެ މެނޭޖިންގ ޑިރެކްޓަރ ތޮލްގާ އުނާންއެވެ.

މިރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކްރޮސްރޯޑްސް މެރީނާގެ މެނޭޖިންގ ޑިރެކްޓަރ ތޮލްގާ އުނާން ބުނީ، މާލޭ އާޓްގެލަރީގައި ޓިކެޓިން ލައުންޖް ހުޅުވުމުގެ މަޤްޞަދަކީ ކްރޮސްރޯޑްސްއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، ރާއްޖޭގެ އާރޓިސްޓުންގެ ހުނަރު ދައްކާލުންކަމަށެވެ.

ތޮލްގާ ބުނީ މިކަމުގެ ސަބަބުން ރާއްޖޭގެ އާޓިސްޓުންގެ ހުނަރު ދުނިޔެގޭ އެކިކަންކޮޅުތަކަށް ދައްކާލުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ. އަދި މާލެއިން ކްރޮސްރޯޑްސްއަށް ދަތުރުކުރާއިރު މަޑުކުރަންޖެހޭ ވަގުތުކޮޅުގައިވެސް ފަތުރުވެރިންނަށް ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭނެކަމަށެވެ.

”އަޅުގަނޑުމެންނަކީ ހޮސްޕިޓާލިޓީ ކުންފުންޏެއް، ހޮޓެލް ރޫމް ވިއްކައިގެން ފައިސާ ހޯދަނީ. އެކަމަކު ރަނގަޅު މީހުންނާ ގުޅިގެން އަޅުގަނޑުމެންނަށް އިހުސާސް ކުރެވެނީ އާޓްސް ވެސް ދައްކާލެވޭނެ އެހެން ތަނެއް ހެދިދާނެ ކަމަށް. އެހެންވީމާ، މިހާރު މި ގެލެރީއާއެކު އަޅުގަނޑު އުންމީދު ކުރަނީ، ވަރަށް ގިނަ ދިވެހި ކުރެހުންތެރިންނާއި ފަންނާނުން، އެބޭފުޅުންގެ ފަންނު ދައްކާލަން އަންނަތަން އަޅުގަނޑުމެންނަށް ފެންނާނެ ކަމަށް.“ ތޮލްގާ އުނާން ބުންޏެވެ.

ރާއްޖެއަކީ މުއްސަނދި ސަޤާފަތަކާއި، ފަންނުވެރި މީހުން ދިރިއުޅޭ ތަނެއްކަން ފާހަގަކުރައްވާ ތޮލްގާ އުނާން ބުނީ، އެރިސޯޓަކީ ޒަމާނުއްސުރެ ރާއްޖޭގެ އާޓިސްޓުންނަށް ތަފާތު އެކި ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ރިސޯޓެއްކަމަށެވެ. އެގޮތުން، ރާއްޖޭގެ އާޓިސްޓުންގެ ހުނަރު ފަތުރުވެރިންނަށް ދައްކާލުމަށް އެރިސޯޓުގައި ”ދަ ގެލަރީ“ގެ ނަމުގައި އަރޓް ގެލަރީއެއް ހުޅުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”ދަ ގެލަރީ“ގެ ނަމުގައި ކްރޮސްރޯޑްސްގައި ހުޅުވާފައިވާ އާރޓް ގެލަރީއަކީ ދިވެހި ސަޤާފަތާއި ތަފާތު ފަންނުތަކާއިމެދު ފަތުރުވެރިން މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ކުރިއަރަމުން އަންނަ ފަންނާނުންގެ ހިތްގައިމު ހުނަރާއި މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އާޓް ގެލަރީގައި ކްރޮސްރޯޑްސްގެ އައު ޓިކެޓިން ލައުންޖް ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:30 އިން ރޭގަނޑު 10:00 އަށެވެ.


More from DhiDaily