ހަރުގެ ވަނީ ހިސޯރުކޮށްފައި, ފިޔަވަޅު އަޅާނަން: އެމްޑީޕީ

Mon, 29 May 2023 09:00 PM

View on this article on Dhen.mv

ހަރުގެ ވަނީ ހިސޯރުކޮށްފައި, ފިޔަވަޅު އަޅާނަން: އެމްޑީޕީ

އެމްޑީޕީގެ ހަރުގެއަށް ވަދެ ގެއްލުން ދިން މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފިއެވެ.

އެމްޑީޕީ ހަރުގެ ހިންގާ އިމާރާތާއި އެތަނުގެ ވެރިފަރާތުން މިއަދު ހަވާލުވެފައިވާއިރު އެތަނުގައި މިހާރު ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ޕާޓީ އަށް މީހުން ވެއްދުމުގެ މަސައްކަތް ފަށައިފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީން ބޭނުންކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށެވެ.

ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް އެއްބަސްވެވިފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މުދަލަށް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެސް އެދިފައިވާނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.

އެމްޑީޕީން ބުނީ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ. އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.



More from Dhen.mv