އެމްއޭސީއެލްއާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަނީ

Tue, 01 Oct 2024 11:52 PM

View on this article on Channel News Maldives

އެމްއޭސީއެލްއާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަނީ
މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކުރުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށް ފަހު ވަޒީރުންގެ މަޖިލީހުގެ ލަަފަޔާ އެއްގޮތަށެވެ.



މިއީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން ވަަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމެކެވެ.

އެގޮތުން ނިންމަވާފައި ވަނީ އައިއޭއެސްއެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމްއޭސީއެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2025 ވަނަ އަހަރުގެ އެޕްރީލް 30 އަށް ނިންމެވުމަށާއި އަދި މި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށެވެ.

މީގެ އިތުރުން އެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ކުރިއަށް ގެންދާނެ ކަންތައްތަކެއް ވެސް ނިންމަވާފައި ވެއެވެ. މިކަންތައްތައް ނިންމަވާފައި ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން ނިންމެވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާޙައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗަރ ތަރައްގީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ.

އެގޮތުން ކަނޑައެޅުއްވި ޒޯންތަކަކީ:

  • ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯން
  • މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
  • މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
  • ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން

މީގެ އިތުރުން މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ ކޮމާޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަކުރެވޭ މޫދުކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމާއި މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ސީޕްލޭން ހިދުމަތް ފެށީ 2014 ގަ އެވެ. އެއީ އެ ކުންފުނީގެ އާމްދަނީ އިތުރުކުރަން އޭރުގެ ސަރުކާރުން ނިންމި ނިންމުމެކެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހާއްސަކުރި ސީޕްލޭން ހިމެނޭހެން، "ޑީއެޗުސީ-6 ޓްވިން އޮޓާ އެއާކްރާފްޓު" ގެ 11 މަތިންދާބޯޓު އޮވެ އެވެ.



More from Channel News Maldives