ގޭންގުގެ މައްޗަށް ކުށް ސާބިތުނުވީ ފުލުހުންގެ އިހުމާލުން

Sun, 30 Jun 2024 08:18 PM

View on this article on Channel News Maldives

ގޭންގުގެ މައްޗަށް ކުށް ސާބިތުނުވީ ފުލުހުންގެ އިހުމާލުން
މާލޭގައި ހިނގި މާރާމާރީއެއްގައި ދައުލަތުން ދައުވާ ކުރި ގޭންގެއްހެ ހުރިހާ މެންބަރުން، ފުލުހުންގެ ބޮޑު އިހުމާލަކުން، ކުށް ސާބިތުނުވެ ސަލާމަތް ވެއްޖެއެވެ.

މީގެ ހަ އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވީ، އެ މައްސަލައިގެ މުހިންމު ހެއްކެއް ކަމަށްވާ ފުލުހުންގެ ވީޑިއޯ ފުޓޭޖްތައް ފުލުހުންގެ އަތުން ގެއްލުމުންނެވެ. ސެޕްޓެމްބަރު، 2017 ގައި ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ލިބިފައިވާ އެންމެ މުހިންމު ހެއްކަކީ އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖްތައް ކަމަށެވެ. އެ ވީޑިއޯ ފޫޓޭޖްގައި ހަމަލާ ދިނުމަށްފަހު އެތަނަށް މީހުން ދިޔަ މަންޒަރާއި އަދި ހަމަލާ ދިނުމަށްފަހު ހަތިޔާރު ހިފައިގެން އެތަނުން ނިކުތް މަންޒަރު ވެސް ފެންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ވީޑިއޯ ފުޓޭޖްތައް ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުގައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފުޓޭޖްތަކުގެ ބެކަޕް ނެގުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް ބުނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ ކޮމްޕެރިސަން ފުލުހުން ހަދާފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ކޯޓަށް ހާޒިރުކުރަން ގިނަ ފުރުސަތުތަކެއް ދިން ނަމަވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުންގެ ހެކިބަސް ލިބިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

މައްސަލާގައި ދައުލަތުން ދައުވާކުރީ ހަތަރު މީހުންގެ ތެރެއިން ތެރެއިން ދެ މައްޗަށް މީހަކަށް ނުރައްކާތެރި ހާނިއައްކައެއް ވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އަދި ތިން ވަނަ މީހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ކުރިއިރު ހަތަރު ވަނަ މީހާގެ މައްޗަށް މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އެވެ. އަދި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ އިތުރު ދައުވާއެއް އޭގެ ތެރެއިން ތިން މީހުންގެ މައްޗަށް ކުރި އެވެ.





More from Channel News Maldives