ޑްރޯނަކުން އައްސޭރި ޖަލަށް ޑްރަގް ވައްދަން މަސައްކަތްކޮށްފި

Mon, 15 May 2023 09:38 PM

View on this article on Channel News Maldives

ޑްރޯނަކުން އައްސޭރި ޖަލަށް ޑްރަގް ވައްދަން މަސައްކަތްކޮށްފި
ޑްރޯންއެއް ބޭނުންކޮށްގެން އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތްކޮށްފިއެވެ.

ކަރެކްޝަންސް ކޮމިޝަނަރު އަހްމަދު މުހައްމަދު ފުޅު މިއަދު މިކަން ހާމަ ކުރައްވާ މިރޭ ވިދާޅުވީ، ޑްރޯންއެއް މެދުވެރިކޮށް އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަހްމަދު ވިދާޅުވީ، ޑްރޯންއެއް މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވައްދަން މަސައްކަތް ކުރިނަމަވެސް ކަރެކްޝަންސް އޮފިސަރުން އެކަން ފެއިލްކޮށްލި ކަމަށެވެ.

އަހްމަދު ވިދާޅުވީ، ޑްރޯންއެއް މެދުވެރިކޮށް ވައްދަން މަސައްކަތްކޮށްފައިވަނީ ފަސް ބުލެޓް ކަމަށެވެ. އޭގެ ބަރުދަނުގައި 29 ގްރާމް ހުރި ކަމަށް އަހްމަދު ވިދާޅުވިއެވެ. އަދި އެއާއެކު ފަސް ސިމް ކާޑު އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި ކަމަށްވެސް އަހްމަދު ވިދާޅުވިއެވެ.

ޑްރޯން މެދުވެރިކޮށް މަސްތުވާތަކެއްޗާއި ފަސް ސިމް ކާޑު އައްސޭރި ޖަލަށް ވައްދަން މިއަދު މަސައްކަތް ކުރިއިރު، މިދިޔަ ހަފްތާ ތެރޭގައި އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ޖަލު އޮފިސަރެއްވަނީ ހައްޔަރުކޮށްފައެވެ. އެ މުވައްޒަފު މިހާރުވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގެ ކަންކަމުގައި ޖަލު އޮފިސަރުންގެ ބައިވެރިވުން އޮތް ކަން މީގެ ކުރިންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަހްމަދު ވިދާޅުވީ މިފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.


More from Channel News Maldives