ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުވި ފަސް މެމްބަރުންނަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނަށް ނިސްބަތްވާ ފަސް މެމްބަރުންނެވެ.
ލިސްޓްގެ އެންމެ ކުރީގައި ވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އާޒިމް އަކީ ފިކުރެއްގެ ދިރުމުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަޖިލިސް ތެރެއިން ސަރުކާރާ ދެކޮޅަށް ކުރާ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާ އެއް މެމްބަރެވެ.
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
އެމްޑީޕީގެ ޕީޖީ ގުރޫޕުން ފިޔަވަޅު އަޅާދިނުމަށް އެދި އެޕާޓީގެ ފިޔަވަޅުއަޅަ ކޮމެޓީއަށް ފޮނުވީ:
- އަލީ އާޒިމް (މެދު ހެންވޭރު ދާއިރާ)
- އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު ދާއިރާ)
- ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާ)
- އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާ)
- ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށި އުތުރު)
މިމައްސަލާގައި މިއަދު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް އެއްވެސް މެމްބަރަކާމެދު ފިޔަވަޅު އަޅަން އަދި ނުނިންމައެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުގައި ޕާޓީގެ ވިޕްލައިނާ ހިލާފުވެ ސަރުކާރާ ދެކޮޅަށް މަޖިލިސް ތެރެއިން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް މިހާތަނަށް އެއްވެސް މެމްބަރަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.
ނަމަވެސް ޗާގޯސް މައްސަލާގައި ބައެއް ވަޒީރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް އެއްބާރުލުންދޭ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެކަމަށް އެޕާޓީގެ ޕީޖީ ގުރޫޕުން ވަނީ ބުނެފައެވެ.