އިސްލާމީ ގޮތްހުރި ޖީލެއް ބިނާކޮށްދެއްވާ

Fri, 10 May 2024 01:55 PM

View on this article on Avas.mv

އިސްލާމީ ގޮތްހުރި ޖީލެއް ބިނާކޮށްދެއްވާ

ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަ ކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައި މިއީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ފޮނުއްވި ހިތާބުގައި ވިދާޅުވީ އަޅުގަނޑުމެން ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިއްމު ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއް އެބައޮތް ކަމަށެވެ. އެއީ ކުޑަކުދީންނަށް ރައްކާތެރިކަންދީ, ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ކޮންމެ މީހަކުވެސް ދެމިހުރުން ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އުސްތާޒުލްޖީލް މަރުހޫމް މުހައްމަދު ޖަމީލުދީދީ 'ހައްތާވެސް ދަރީންނެވެ.' މި ނަމުގައި ވަރަށް އަސަރުގަދަ އިބްރަތްތެރި ކުރުވާހަކައެއް 1981 ވަނަ އަހަރު ލިޔުއްވައި ޝާއިޢުކުރައްވައިފައި ވެއެވެ. މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް އިބްރަތަކީ އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއް ކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫހަށް ލިބޭނެ ހަމަޖެހުމެވެ. މިފަދަ ދުވަހެއްގައި މިއީ ވިސްނައިލުން މުހިންމު ނުކުތާއެކެވެ،" ކުޑަކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ރިވެތި ނަމޫނާ ދެއްކެވި ކަމަށް މުޅި އިންސާނިއްޔަތަށް ފެންނާން އޮތީ މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلمގެ ރިވެތި ސީރަތުން ކަމަށެވެ. ދަރީން ފަދައިން ލޯބި ދެއްވައިގެން، ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި، ދިރިއުޅުމަށް ބޭނުންވާނެ މުހިއްމު ދަރެސްތައް އުނގަންނައިދެއްވައިގެން އެކަލޭގެފާނުގެ ނަބަވީ މަދަރުސާއިން ދަސްވެނިވެ މުޅި އިންސާނިއްޔަތަށް އަލިގަދަ ދަންމަރުތަކެއް ކަމުގައިވީ އެތައް ޝަހްސިއްޔަތުން އެބަތިއްބެވި ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރު ކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދެމުންދާ ކަމަށެވެ. އެހެންވެ ރައީސްގެ ހިތާބުގައި ވަނީ ކުޑަކުދީންނަށާއި އާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް އިލްމާއި މައުލޫމާތުން ކާނާ ލިބޭނެ މަގުތައް މިސަރުކާރުން އިތުރުކޮށްދޭނެ ކަމަަށެވެ. ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ ނުހަނު ހުޝިޔާރުވެ ތިބެ ކަމުގައިވެސް ވިދާޅުވި އެވެ.

"ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެއެވެ. ސަރުކާރުން މި ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ ހުރިހާ މައިންބަފައިންނާއި، ބެލެނިވެރީންނާއި، ސަހަރޯވެރީންނާވެސް އެއްބާރުލައި އަތުގުޅާލައިގެން މަސައްކަތްކުރާނަމެވެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުިފާނު ވިދާޅުވީ މި ގައުމުގެ ކުރިމަގަށް އަޅުގަނޑުމެން މިކުރާ ފާގަތި އުއްމީދާއި، މާދަމާގެ ވިޔަވަތި ކަމަށް އެދި ރެޔާދުވާލު މިކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދީން ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. ދެލޯނޭދި އެދޭ މި ލޮބުވެތި ދަރިންގެ ހައްގުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ގައުމަށް އުޖާލާ މުސްތަގުބަލެއް ހޯދައި ނުދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަގްވާމީ މުހިއްމު މުއާހަދާތަކުގައި ރާއްޖެެއިން ބައިވެރިވެފައިވާ ކަމަށެވެ. ކުޑަކުދީންނަށް ހިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުސަތުތަކަށްޓަކައި ބޭނުންވާނެ ގާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ގާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިއްމު އެތައް މަސައްކަތެއް ރާއްޖޭގައި ފުރިހަމަކޮށްފައިވާ ކަމަށާއި އިތުރު އެތައް ކަމެއް ކޮންމެ ސަރުކާރަކުންވެސް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި މިއަދު ކުޑަކުދިންގެ ދުވަހެއް މިއަދު ފާހަގަކުރަމުންދާއިރު އެމަނިކުފާނުގެ ހިތްޕުޅަށް ވެރިވާ އުފާވެރި އަދި އުއްމީދީ އިހްސާސްތަކާއެކު، އެމަނިކުފާނަށް ހިތާމަވެރި އަސަރުކުރުވާ ކަމެއް އޮތް ކަމަށްވެސް ވިދާޅުވި އެވެ. އެއީ ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީން ކަމުގައި ވިދާޅުވި އެވެ. އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތައުލީމާއި، އާއިލީ ލޯބިން މަހްރޫމްވަމުން އެދާ މައުސޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީން ކަމުގައި ރައީސް ވިދާޅުވި އެވެ.

"އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވައުދުވެވޮޑިގެންފައިވާ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި އެވެ. އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުއްޖަކަށް ކީރިތި ﷲގެ ރަހްމަތާއި މަދަދުގެ ހާސްދޮރު ހުޅުއްވާށި އެވެ. އާމީން،" ރައީސް ވިދާޅުވެފައިވެ އެވެ

ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ފެށީ 1979 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހާ ގުޅުވައިގެން ފާހަގަކުރަން ފެށީ މީގެ 63 އަހަރު ކުރީން މެއި 10، 1963 ގައި ހަމީދިއްޔާ މޮންޓެސޫރީ ސްކޫލުގެ ނަމުގައި ތުއްތުކުދީންނަށް ކިޔަވައިދޭން ސަރުކާރުން ހާއްސަ މަދަރުސާއެއް ރާއްޖޭގައި އުފެއްދި ތާރީހާ ގުޅުވައިގެންނެވެ. ހަމީދިއްޔާ މޮންޓެސޫރީ ސްކޫލަކީ މިހާރުގެ އިސްކަންދަރު ސްކޫލެވެ.





More from Avas.mv