ނަޝީދަށް އިންސާފު ނުލިބުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް

Mon, 06 May 2024 12:29 PM

View on this article on Avas.mv

ނަޝީދަށް އިންސާފު ނުލިބުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ނުލިބި އަހަރުތަކެއް ފާއިތުވެގެން ދިއުމަކީ ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމުގައި ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ރައީސް ނަޝީދުގެ ޕާޓީ -- ދަ ޑިމޮކްރެޓްސް އިން މިހެން ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ރައީސް ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނު އަވަހާރަކޮށްލުމަށް އަމާޒުކޮށްގެން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަށް މިއަދު ތިން އަހަރު ފުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

"އެ މައްސަލާގައި މިއަދާ ހަމައަށް އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވަމެވެ،" ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާދިނީ މެއި 6، 2021 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ އާއިލީ ގެ -- ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ބޮމުގެ އެ ހަމަލާ އިން ހަނިގޮތަކަށް ރައީސް ނަޝީދު ސަލާމަތްވި ނަމަވެސް ގޮއްވާލި އީއައިޑީގައި ބޭނުންކޮށްފައި ހުރި ރޭޒާފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެތަން މިތަނަށް އަރައި ވަރަށް ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންފައިވެ އެވެ. އެކަމާ ގުޅިގެން ކްރިޓިކަލް ހާލަތުގައި ބާއްވައިގެން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން ކުރައްވާފައިވެ އެވެ.

ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ ރައީސް ނަޝީދު ފަދަ ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތު އޮތުމަކީ ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތް ކުރި ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނިކޮށް އެކަމާ ގުޅިގެން ރައްކާތެރިކަން ކަށަވަރުކޮށްދީފައި ނުވާތީ އެކަންވެސް ކުށްވެރިކޮށްފައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަށީގެންވާ ހެކި ނެތިގެން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އަދި ކުށަށް އިއުތިރާފްވި އެކެއްގެ މައްޗަށް ކުށް ސާބިތުވި ކަމަށް ކަނޑައަޅާ އޭނާ ދިގު މުއްދަތަކަށް ވަނީ ޖަލަށްލާފަ އެވެ. މިމައްސަލައިގައި ހިމެނޭ އެހެން މީހުންގެ ޝަރީއަތްތައް ކުރިއަށް ދަނީ ލަސްކޮށް ކަމަށްވާތީ މައްސަލައިގައި ހިމެނޭ އެހެން މީހެއްގެ މައްޗަށް އަދި ކުށް ސާބިތުވެފައެއް ނުވެ އެވެ.

"އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމު ނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ. އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި 'ނޯމަލައިޒް' ކުރުމުގެ އަމަލެއް ކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ ނަޝީދަށް ދިން ހަމަލާގެ މައްސަލަ އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ މީހުންނަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.





More from Avas.mv