ވީޑިއޯއަކާ ގުޅިގެން ރައީސްގެ ނުރުހުން!

Mon, 06 May 2024 11:44 AM

View on this article on Avas.mv

ވީޑިއޯއަކާ ގުޅިގެން ރައީސްގެ ނުރުހުން!

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީއަށް ނިސްބަތްވާ ބަޔަކު ހެދި ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުކޮށްފައި ވަނިކޮށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފި އެވެ.

ޕީއެންސީގެ ބަޔަކު ވަނީ މީހަކު ދުއްވި އުޅަނދެއް އިމްރާންގެ އަމިއްލަ ކާރުކޮޅުގައި ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅައި ގާނޫނީ އިމުގެ ތެރެއިން މައްސަލަ ކުރިއަށް ގެންދިއުމަށް އިމްރާން މަސައްކަތް ކުރައްވަނިކޮށް އެކަމަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކޮށްފަ އެވެ.

ޕީއެންސީގެ ބަޔަކު އާންމު ކުރި ވީޑިއޯގައި އިމްރާނާއި އޭނާގެ އަނބިކަނބަލުން އަދި އިމްރާންގެ ކާރުކޮޅުގައި ޖެހުނު އުޅަނދު ދުއްވި މީހާއާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެފައިވާ ހުސައިން އިމްރާން ލަތީފް (އިންމު) ފެނެ އެވެ.

ވީޑިއޯގައި އުޅަނދު ދުއްވި މީހާ ހިފަހައްޓައިގެން ހުންނަވައި އިންމު އެދިވަޑައިގަންނަވަނީ އިމްރާންގެ ކާރުކޮޅުގައި ޖެހުނު އުޅަނދު ދުއްވި މީހާއަށް އިމްރާން މައާފްކޮށްދެއްވުމަށެވެ. އަދި އެކަން ކުރެވެން ނެތް ނަމަ އެ މީހާގެ ސަބަބުން އިމްރާންގެ ކާރުކޮޅަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ތައްޔާރަށް ހުންނެވި ކަމަށް އިންމު ވިދާޅުވެ އެވެ. އެވަގުތު ވީޑިއޯއަށް ނާރާ ގޮތަށް އެތަނުގައި ތިބި ޕީއެންސީގެ ބަޔަކު ގެންދިޔައީ އިމްރާން އަބްދުﷲއަށް މަލާމާތްކޮށް ފުރައްސާރަ ކުރަމުންނެވެ. ނަމަވެސް ވީޑިއޯ އިން ފެންނަނީ އިމްރާނާއި އަނބިކަނބަލުން ހަނުހުންނަވާ މަންޒަރެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވީޑިއޯ އަކާ ގުޅިގެން ނުރުހުން ފާޅުކުރެއްވި ނަމަވެސް ވަކި ހާދިސާއެއް އެމަނިކުފާނުގެ ޕޯސްޓް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ އަހްލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ. ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ. އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ،" ރައީސް ވިދާޅުވެފައިވެ އެވެ.





More from Avas.mv